2013 ވަނަ އަހަރު ނެރުނު ފިލްމް "ފުކްރޭ" ގެ ލަވައެއް ކަމުގައިވާ "އަމްބަރްސަރިޔާ" ވެގެންދިޔައީ ބެލުންތެރިންގެ މެދުގައި ވަރަށް މަޤްބުލް ލަވައަކަށެވެ. އެ ލަވައާއި ވާދަކުރާނެ ވަރުގަދަ ލަވައެއް ފިލްމްގެ ދެވަނަ ބައި "ފުކްރޭ ރިޓާންސް" އިން ވަނީ މިހާރު ރިލީޒްކޮށްފަ އެވެ.
އެގޮތުން "ފުކްރޭ ރިޓާންސް"ގެ ޕްރޮޑިއުސަރުން ވަނީ ފިލްމްގެ އާ ލަވަ "އިޝްގް ދެ ފަނިޔަރް"ގެ ވީޑިއޯ މިއަދު ރިލީޒްކޮށްފަ އެވެ. މި ލަވަ ބިނާކޮށްފައި ވަނީ ޕުލްކިތް ސަމްރާޓް އާއި ޕްރިޔާ އާނަންދްގެ ލޯބީގެ މައްޗަށެވެ.
މި ލަވަ ކިޔާފައި ވަނީ "އަމްބަރްސަރިޔާ" ވެސް ކިޔާފައިވާ ލަވަކިޔުންތެރިޔާ ޖިޔޯތިކާ ތަންގްރީ އެވެ. މި ލަވައިގެ ފިރިހެން ވާޝަން ކިޔައިދީފައި ވަނީ ޝާރިބް އާއި ތޯޝީ އެވެ.
ފިލްމްގެ ޕްރޮޑިއުސަރުން ވަނީ މީގެ ކުރިންވެސް ފިލްމްގެ ދެ ލަވައެއް ރިލީޒްކޮށްފަ އެވެ. އެއީ "މެހެބޫބާ" އާއި "ޕޭ ގަޔާ ކަލާރާ" އެވެ.
މްރިގްދީޕް ސިންގް ލާމްބާ ޑައިރެކްޓްކޮށް ފަރްހާން އަޚްތަރް އާއި ރިތޭޝް ސިންދްވާނީ ކޯ-ޕްރޮޑިއުސްކޮށްފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 8 ޑިސެމްބަރުގަ އެވެ.