Last Updated: June 28, 20:14
Sunday, June 28, 2026
ދުނިޔެ

15 އަހަރުގެ ކުއްޖަކު ވިއްކާލަން އުޅެނިކޮށް ސަލާމަތްކޮށްފި

އިންޑިއާގެ ދިއްލީގައި 3.5 ލައްކަ ރުޕީސް އަށް ވިއްކާލަން އުޅުނު ބިހާރް އަށް އުފަން އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ފުލުހުން ސަލާމަތްކޮށްފި އެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އެ އަންހެން ކުއްޖާ ދިއްލީ އަށް ގެނެސްފައި ވަނީ މީގެ އެއް އަހަރު ކުރިން ކައިވެނި ކުރަން ކަމަށްބުނެ ދޮގު ހަދައިގެން ކަމަށެވެ. އަދި އެއަށްފަހު އެކުއްޖާ ލައްވާ ގަދަކަމުން ހަށިވިއްކުމުގެ ވިޔަފާރި ކުރުވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެ ކުއްޖާ ދިއްލީ އަށް ގެނެސް ވިއްކާލަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ ދެ ފިރިހެނުން ވެސް ވަނީ މިހާރު ހައްޔަރު ކޮށްފައެވެ. އަދި އެ އަންހެން ކުއްޖާ ވަނީ ބިހާރްގައި ދިރިއުޅޭ އޭނާގެ އާއިލާ ގާތަށް އަނބުރާ ފޮނުވާލާފައެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ ދިއްލީގެ ކަމްލާ މާރުކޭޓުގެ ސްޓޭޝަން ހައުސް އޮފިސަރަކަށް ޑީލަރުން ގުޅި ހިސާބުންނެވެ. އެހެން ޑީލަރެއް ކަމުގައި ހީކޮށް އެމީހުން އެ އޮފިސަރު ގާތު ބުނީ ރީތި ކުޑަ އަންހެން ކުއްޖަކު ވިއްކާލަން ބޭނުންވާ ކަމަށެވެ. އެއަށްފަހު ފުލުހުން ވަނީ ހަށިވިއްކާ ވިޔަފާރީގެ ބޮޑުންކަމުގައި ހެދިގެން އެތައް ފަހަރެއްގެ މަތިން އެ ޑީލަރުންނާއި ބައްދަލުކޮށް، އެންމެ ފަހުން އެމީހުން ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނާ ގޮތުގައި ހައްޔަރު ކޮށްފައިވާ ދެމީހުންނަކީ ބިހާރް އަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އަމަރް އާއި އުމުރުން 27 އަހަރުގެ ރަންޖީތު ޝާހް ކަމަށެވެ.