Last Updated: June 11, 10:02
Thursday, June 11, 2026
ސިޔާސީ

"ބޯހިޔާވަހިކަމުގެ ވައުދު އެތައް ގުނަ ފުޅާވެގެން ދާނެ"

އެމްޑިޕީގެ ބޯހިޔާވަހިކަމުގެ ވައުދަކީ ކުރިއަށް އޮތް އެމްޑީޕީގެ ސަރުކާރެއްގައި އެތައް ގުނަ ފުޅާ ކުރެވިގެން ދާނެ ސިޔާސަތެއް ކަމަށް އެމްޑީޕީގެ ޗެއަޕާސަން މޫސާ މަނިކު ވިދާޅުވެއްޖެ ވެ.

"ދޭތިން ފަހެތި" ކެމްޕޭން ގެ ދަށުން ހުޅުހެންވޭރު ރޯޝަނީމަގު ކަންމަތީ ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީ ގެ ސަރުކާރުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ އިސް ނެންގެވުމާ އެކު ރާއްޖޭގެ އެތަން މިތަނުގައި ގެދޮރު ޢިމާރަތް ކުރެއްވުމުގެ މަސައްކަތް ފެއްޓުނު ކަމަށާއި އެ ފަދަ ޢިމާރާތްތަކާ ފްލެޓްތައް ނިމެމެމުން ދާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

"އޭރު ރައީސް ނަޝީދު އިންދެވި އޮށްތަކުން ފެޅިގަސްތައް އެހެރަ ފެންނަމުން ދަނީ. ނަމަވެސް ހިތާމައަކީ ބަޣާވަތުގެ ސަރުކާރަކުން އެ ސިޔާސަތު ހިލާލައި، ގެދޮރާއި ފްލެޓް ލިބެންވާ ބަޔަކު ސިޔާސީ ފައިދާއަށާ ވޯޓު ހޯދުމުގެ ނުފޫޒެއްގެ ގޮތުގައި ކަނޑައަޅަން ފަށާފައިވާތީ،" މޫސަ ވިދާޅުވި އެވެ. "އަޅުގަނޑުމެން ހުޅުހެންވޭރު ރައްޔިތުން އެކަމަކާ ނުރުހެން. އެކަން ގަބޫލެއް ނުކުރަން. އަޅުގަނޑު އެ ރައްޔިތުންނާ އެކު ދާނަން ނުރުހުން ފާޅު ކުރަން ޖެހޭ ހުރިހާ ތަނަކަށް."

އެމްޑީޕީގެ މެނިފެސްޓޯ ތައްޔާރު ކުރެވުނު އިރު ވިސްނެވުމަކީ އަލަށް ދިރިއުޅުން ފައްޓަވާ ފަރާތްތަކަށް ވަކި އުޞޫލެއްގެ ދަށުން ގެދޮރާއި ބޯހިޔާވަހިކަން ލިބިދެއްވުމަށް ކަމަށާއި، އެމްޑީޕީން ކަނޑައެޅުއްވި ވެށިފަހި މާލޭގެ ޕްރޮގްރާމް ބަޣާވަތުގެ ސަރުކާރުން މުޅީން އޮޅުވާލައްވައި ސިޔާސީ ނުފޫޒާއި، ބާރާއި، ހީލަތްތެރި އެކި އޮޅުވާލެއްވުމުގެ ދަށުން ފްލެޓްލިބުމުން ބައެއްފަރާތްތައް އެއްކިބާ ކުރައްވާފައިވާ ކަމުގައި މޫސަ ފާހަގަ ކުރެއްވިއެވެ.

ކުރިއަށް އޮތް ތަނުގައި އެމްޑީޕީ ސަރުކާރަކުން ގެދޮރަށް ބޭނުން ހަމަ އެކަކުވެސް އަންހެން ފިރިހެން ތަފާތުނު ކުރައްވައި ފުރުޞަތުން ބާކީ ނުވާނެ ސިޔާސަތެއް ކުރިއަށް ގެންދަވާނެ ކަމަށާއި ކުރިއަށް ވުރެ އަވަސް މިނުގައި ގެދޮރާއި ފްލެޓްގެ ޕްރޮގްރާމް ކުރިއަށް ގެންދަވާނެ ކަމަށް މޫސާ ވިދާޅުވި އެވެ.