Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

މިޞްރުގެ މިސްކިތަކަށް ދިން ހަމަލާތަކެއްގައި 235 މަރު

މިޞްރުގެ އުތުރުގައި އޮންނަ ސިނާއި ޕްރޮވިންސްގެ މިސްކިތަކަށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއަކާއި ބަޑީގެ ހަމަލާއެއްގައި މަދުވެގެން 235 މީހުން މަރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިއްޔެ މެންދުރު ދިން މި ހަމަލާ އަމާޒްކޮށްފައި ވަނީ ހުކުރު ނަމާދަށް ގޮސް ތިބި ސަލާމަތީ ބާރުތަކުގެ ސަޕޯޓަރުންނަށް ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފައެވެ.

މި ހާދިސާއިން ސަލާމަތްވި މީހުން ބުނެފައިވާ ގޮތުގައި ބޮމުގެ ހަމަލާގައި މަރުނުވާ މީހުން ސަލާމަތްވުމަށްޓަކައި ދުއްވައިގަތުމުން އެމީހުންގެ ގަޔަށް ވަނީ ބަޑި ޖަހާ މަރާލާފައި ކަމަށެވެ.

2014 ވަނަ އަހަރުން ފެށިގެން އައިސިސްގެ ހަނގުރާމަވެރިން ދަނީ މިޞްރުގެ އެކި ހިސާބުތަކަށް ހަމަލާދެމުންނެވެ. އެ ހަމަލާތައް އަމާޒު ކުރަނީ މިޞްރުގެ ފުލުހުންނާއި އަސްކަރިއްޔާއަށް ކަމުގައި ނަމަވެސް، ގިނަ ފަހަރު އެ ހަމަލާތަކުގައި އާންމު ރައްޔިތުންގެ ފުރާނަ ގެއްލިގެންދެ އެވެ.

މިއަދުގެ ހަމަލާއާއި ގުޅިގެން މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސިސީ ވަނީ ވެރިރަށް ކައިރޯ ގައި އިމާޖެންސީ ކޮށް ކެބިނެޓްގެ ބައްދަލުވުމެއް ބާއްވަން ނިންމަވާފައެވެ.