Last Updated: June 8, 13:26
Monday, June 8, 2026
ޚަބަރު

ހުވަދޫން ޔާމީނަށް 5 ޕަސެންޓް ވެސް ނުލިބޭނެ: ސައުދު

އިންތިޚާބެއް ބާއްވައިފިނަމަ ރައީސް ޔާމީނަށް 5 އިންސައްތަ ވެސް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ، ތިނަދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސައުދު ވިދާޅުވީ، ހުވަދޫއަށް ނިސްބަތްވާ ވަޒީރުންނާއި މެންބަރުން ރައީސް ޔާމީނާ އެކު ތިއްބެވި ނަމަވެސް، އެފަރާތްތަކަށް ހުވަދު އަތޮޅު ފަތަޙަ ނުކުރެވޭނެ ކަމަށެވެ.

އަދި މީގެ އިތުރުން ރޭގެ ޖަލްސާގައި ސައުދު ވަނީ ހުވަދޫގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭކަން ފާހަގަކޮށް ވާހަކަ ދައްކާފައެވެ.

އެގޮތުން ސައުދު ވިދާޅުވީ، ދާދިފަހުން ރާއްޖެއިން މަސް އެކްސްޕޯޓް ކުރި ބޯޓެއް ރާއްޖެއިން ފުރައިގެން އޭގެ މަންޒިލާއި ހަމައަށް ދެވުނު އިރު ބޯޓުން 64 ޓަނުގެ މަސް ގެއްލިފައިވާ ކަމަށެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ މަސްވެރިންނަށް އައިސް ލިބުން ދަތި އުނދަގޫ ކަމަކަށް ވެފައިވާއިރު، މަސް ކިރުވުމުން، އޭގެ ފައިސާ ވެސް މިހާރު ނުލިބޭ ކަމަށެވެ.

ސައުދު ވިދާޅުވީ "ކަންކަން މިހެން ހުރުމުން، 'މަހުލޭ ހިނގާ' ހުވަދު އަތޮޅުގެ މަސްވެރި ރައްޔިތުން މިހާރު ބޭނުންވަނީ ރައީސް ޔާމީން ވަގުތުން ވަގުތަށް އިސްތިޢުފާ ދެއްވުމަށް" ކަމަށެވެ.