އެކުވެރި ދައުލަތްތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެ އާ މެދު ބެއްލެވުން އިތުރުކޮށް ދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
އެ މަނިކުފާނު މި މޭރުމުން އެދިވަޑައިގެންފައި ވަނީ އިނގިރޭސި ޚާރިޖީ އޮފީހުގެ ދެކުނު އޭޝިޔާއަށާއި އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރު މިސްޓަ ނީލް ކްރޮމްޕްޓަން އެމަ ނިކުފާނުގެ އަރިހަށް މިއަދު ހެނދުނު ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގަ އެވެ.
އެމްޑީޕީގެ ސެކްރެޓޭރިއެޓްގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ރާއްޖެ އާ މެދު އެކި އޮޅުން މެދުވެރިވާ ފަދަ އަސްލެއް ނެތް މައުލޫމާތުތައް 2008 ވަނަ އަހަރުގެ އިންތިހާބުގައި ނާކާމިޔާބުވެ މިހާރު ވެރިކަމަށް އަރާ ތިއްބެވި ފަރާތްތަކުން އެކުވެރި ދައުލަތްތަކަށް ހުށަހަޅުއްވަމުން ގެންދަވާ މި ދުވަސްވަރު ރާއްޖެ އާ ބެހޭ މައުލޫމާތުތައް ފުރިހަމަ ކުރެއްވުމަކީ މުހިންމު ކަމެއް ކަމަށް ނަޝީދު ފާހަގަ ކުރައްވާފައިވެ އެވެ.
ދިވެހިރާއްޖެއަށް ޑިމޮކްރަސީ ރުޖޫޢަކުރެއްވުމަށާއި ދިވެހިރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން މިހާރު މިވަނީ ވަރަށްވެސް މުހިންމުވެފައިކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނީލް ކްރޮމްޕްޓަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ހަމަހަމަ އިންސާފުވެރި އަދި ހުރިހާ ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ބައިވެރިވޭ ރިޔާސީ އިންތިހާބެއްގެ މުހިންމުކަން ، ރިޔާސީ ދައުރެއް ފުރިހަމަ ނުވަނީސް ރާއްޖޭގެ ވެރިކަން ބަދަލުކުރެވުމާ ގުޅިގެން އިނގިރޭސިވިލާތުން ފާހަގަ ކުރައްވަމުން ގެންދެވި ކަމުގައި ވިދާޅުވި އެވެ.
ހަމައެއާ އެކު އެފަދަ އިންތިހާބަކަށް ބޭނުންތެރި ފަންނީ ތަމްރީނުތައް ހިންގެވުމަށް މިހާރު ވެސް ކޮމަންވެލްތް މެދުވެރިކުރައްވައި އެހީތެރިވެ ދެއްވަމުން ގެންދަވާ ކަމަށް ކްރޮމްޕްޓަން ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި، އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކާއި، ރައީސް މުހަންމަދު ނަޝީދުގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ އާއި، އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އެފެއަޒް ޙާމިދް އަބްދުލް ޣަފޫރު އާއި، އެމްޑީޕީގެ ޗެއަޕާސަންގެ ނާއިބު އިދާރީ އަލީ ޝިޔާމް އަދި އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު އުމަރު ޢަބްދުއްރައްޒާޤް ބައިވެރިވެ ވަޑައިގެންނެވި އެވެ.