Last Updated: June 16, 14:01
Tuesday, June 16, 2026
ކުޅިވަރު

އޮޒިލް ހޯދަން ބާސާ އިން ވެސް ފޫގަޅައިފި

އާސެނަލް އަދި ޖަރުމަނުވިލާތުގެ ތަރި، މީސުޓް އޮޒިލް އަންނަ ޖެނުއަރީ މަހު ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުންދަނިކޮށް ބާސެލޯނާވެސް އޭނާ ހޯދުމަށް ބޭނުންވާކަން އިއުލާންކޮށްފިއެވެ.

އޮޒިލްގެ އާސެނަލް ކޮންޓްރެކްޓު މިސީޒަނުގެ ނިޔަލަށް ހަމަވާއިރު އޭނާ ވަނީ ކޮންޓްރެކްޓު އާކުރަން ބޭނުން ނުވާ ކަމަށާއި އާސެނަލް ދޫކޮށް ދިއުމަށް އެދޭ ކަމަށް ބުނެފައެވެ. ބައެއް ރިޕޯޓުތަކުގައި އޮޒިލް ބޭނުންވަނީ މެން ޔުނައިޓެޑަށް ދާން ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ބާސެލޯނާއިން އޭނާ ހޯދުމަށް މަސައްކަތް ފަށާފައިވާއިރު ބާސާއިން ވަނީ ހަފްތާއަކު 350،000 ޕައުންޑުގެ މުސާރައެއް އޮޒިލްއަށް ހުށައަޅާފައެވެ. ކުރިން ރިއަލް މެޑްރިޑަށް ކުޅުނު އޮޒިލް މިހާތަނަށް ބާސާއާ ގުޅޭނެ ކަމުގެ އެއްވެސް ނިޝާނެއް ކޮށްފައެއް ނުވެއެވެ.

އޮޒިލްގެ އިތުރުން އާސެނަލްގެ ތަރި، އެލެކްސިސް ސަންޗޭޒްވެސް ވަނީ ސީޒަން ނިމުނުއިރު އޭނާ ކުލަބު ދޫކޮށް ދާން ބޭނުންވާކަން އިއުލާންކޮށްފައެވެ. ސަންޗޭޒް ހޯދުމަށް އެންމެ ބޮޑަށް އޭރު މަސައްކަތް ކުރީ ސިޓީ އިންނެވެ. ނަމަވެސް އާސެނަލްއިން ވަނީ ސަންޗޭޒް ދޫކޮށްލުމަށް ދެކޮޅު ހަދާފައެވެ.

މިސީޒަން ނިމުމުން ސަންޗޭޒްގެ ކޮންޓްރެކްޓުވެސް ހަމަވާނެއެވެ. އޭގެ ސަބަބުން ސަންޗޭޒް ކޮންޓްރެކްޓު އާނުކޮށްފިނަމަ އާސެނަލްއަށް އަގަކާއި ނުލާ އޭނާވެސް ދޫކޮށްލަން މަޖުބޫރުވާނެއެވެ.