މީގެ ދިހަ އަހަރު ކުރިން މާލޭގައި ބޭއްވުނު ސިޔާސީ ހަރަކާތެއްގެ ތެރެއިން އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ފުލުހުންގެ ދެ އޮފިސަރުންނާއެކު ފަހަތުގައި ހުރެ ލަފުގައި ހިފައި ކޮއްޕަމުންދިޔަ ފުލުސް އޮފިސަރު މައާފަށް އެދުމުން ނަޝީދު އޭނާއަށް މާފުކޮށްފިއެވެ.
އެދުވަހު ނަޝީދުގެ ދެއަތުގައި ދެފުލުހުން ހިފައިގެން ގަދަ ބާރުން ގެންދިޔައިރު ފަހަތުންވެސް ފުލުހަކު ދިޔައީ ނަޝީދުގެ ލަފުގައި ހިފައި ކޮއްޕަމުންނެވެ. ބައިނަލްއަގުވާމީ ނޫސް މަޖައްލާތަކުގައިވެސް އެފޮޓޯ ވެގެން ގޮސްފައިވަނީ ވަރަށް މަޝްހޫރުވި ފޮޓޯއަކަށެވެ.
ނަޝީދުގެ ލަފުގައި ހިފައި ކޮއްޕަމުން ދިޔަ އަލީ ޝާހިދު(ސްޓެޕް އައްޔަ) ވަނީ 10 އަހަރު ފަހުން ޓުވިޓާ މެދުވެރިކޮށް ނަޝީދުގެ ކިބައިން މައާފަށް އެދިފައެވެ.
ޖަވާބުގައި ނަޝީދު ބުނެފައިވަނީ މައާފަށް އެދުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. އަދި ރުޅިވެރިކަމާއި ޒާތީ ހަސަދައިން ލިބޭނެ ފައިދާއެއް ނެތް ކަމަށް ބުނެ ނަޝީދު ވަނީ އައްޔައަށް މާފުކޮށްފައެވެ.
ނަޝީދު މިގޮތަށް ކަންކުރުމުން ގިނަ ބަޔަކު ވަނީ ޓުވީޓާގައި ތައުރީފުގެ ބަސްތައް ރައްދުކޮށްފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި އޮންނެވުމަށްފަހު ނަޝީދު ވަނީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ ގިނަ ޕާޓީ ވާދަކުރި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފައެވެ.
އޭރު ހަތުރަކަށް ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އެކުގައި މިހާރު ނަޝީދު މަސައްކަތް ކުރައްވާއިރު ދެބޭފުޅުންވެސް ވިދާޅުވަނީ ގައުމަށް އެންމެ ފައިދާ ބޮޑީ މާޒީ އެއްކާރިކޮށް، މުސްތަޤުބަލަށް މަސައްކަތް ކުރުން ކަމަށެވެ.