މިރޭ ގ.ދ ތިނަދޫގައި ބާއްވާ ޕީޕީއެމްގެ ޖަލްސާއަކީ މާލެ ނޫން ރަށެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވާނެ ޖަލްސާ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިންމަނިކު ވިދާޅުވެއްޖެއެވެ.
ނިހާން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި 3،000 މީހުންވެސް ބައިވެރިނުވާ ކަމަށާއި ޕީޕީއެމުން މިރޭ ބާއްވާ ޖަލްސާ އެހެން ނުވާނެ ކަމަށެވެ.
ކައިރި ރަށްތަކުންވެސް މީހުން އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނިހާން ބުނެފައިވާއިރު ސީދާކޮށް އެހެން ރަށްތަކުން މީހުން ގެންނަ ވާހަކައެއް ވިދާޅެއް ނުވެއެވެ.
ރައީސް ޔާމީނަށް ތިނަދޫގައި އޮތް ސަޕޯޓު މިރޭ ދައްކާލާނެ ކަމަށާއި މިއީ ސިޔާސީ ޕާޓީއަކުން ތިނަދޫގެ ގެތަކަށް ވަކިވަކިން ޒިޔާރަތްކޮށް، ޖަލްސާއަށް މީހުންދާނެ ފުރަތަމަ ފަހަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތިނަދޫ ރައްޔިތުންނަށް ނިހާން "ބިރުދެއްކި"ކަމަށްބުނެ ތިނަދޫ ދާއިރާގެ މެމްބަރުންގެ ފާޑުކިޔުންތައް ދާދި ފަހުންވެސް ވަނީ ޕީޕީއެމް އަދި ނިހާނަށް އަމާޒުވެފައެވެ.
ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ ހަނދާން ނެތިވާނަމަ ދެން އެފަދަ މަޝްރޫއުތައް ގެނެސްދޭއިރު ސަރުކާރުންވެސް ތިނަދޫ ރައްޔިތުންގެ މަތިން ހަނދާން ނެތިދާނެ ކަމަށް ނިހާނު ވިދާޅުވުމުން އިދިކޮޅު ފަރާތްތަކުން ވަނީ ނިހާނު ދައްކާ ބިރަކަށް ތިނަދޫ ރައްޔިތުން ނުސިހޭނެ ކަމަށް ބުނެފައެވެ.