Last Updated: June 16, 14:01
Tuesday, June 16, 2026
ކުޅިވަރު

އިނގިރޭސި ޓީމުތަކުން ޖެހިލުންވަނީ ސިޓީއަށް: މެސީ

މިހާރު ޗެމްޕިއަންސް ލީގުގައި ކުޅެމުންދާ އިނގިރޭސި ޓީމުތަކުން ޖެހިލުން ވަނީ މެންޗެސްޓާ ސިޓީއަށް ކަމަށް ބާސާގެ ތަރި ލިއޯ މެސީ ބުނެފިއެވެ.

ޔުއެފާގެ ރަން ބޫޓު ހަތަރުވަނަ ފަހަރަށް ހޯދާފައިވާ މެސީ ބުނެފައިވަނީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހިލުންވަނީ ދެޓީމަށް ކަމަށެވެ. ޕީއެސްޖީއާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ ކަމަށް މެސީ ބުނެފައިވެއެވެ.

"މިހާރު އެންމެ ވަރުގަދަ ޓީމަކަށް އޮތީ ސިޓީއާއި ޕީއެސްޖީ. ސީޒަނުގެ މިހާތަނަށް އެންމެ ރަނގަޅަށް ކުޅެމުން އަންނަނީ އެމީހުން. އެކަމަކު ސީޒަން ނިމެން އަދި ދުވަސް އެބައޮތް." މެސީ ބުނެފައިވެއެވެ.

ސީޒަނުގެ މިހާތަނަށް އައިއިރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ރެއާލް މެޑްރިޑަކީވެސް ފަސޭހަ ޓީމެއްގެ ގޮތުގައި ނަގާނެ ޓީމެއް ނޫން ކަމަށް މެސީ ބުންޏެވެ. ދެވަނަ ބުރަށް ކޮލިފައިވެފައިވާ ރެއާލްއަކީ ފަސޭހަކޮށްލެވޭ ވަރުގެ ޓީމެއް ނޫން ކަމަށް މެސީ ބުނެފައިވާއިރު މެސީގެ ނަޒަރުގައި ރެއާލްއަށްވުރެ ވެސް ސިޓީއާއި ޕީއެސްޖީ މިހާރު މާ ވަރުގަދައެވެ.