Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

ސުއްޓާލައިން ބަލިކޮށް އުސްގަނޑަ ފެށުން ރަނގަޅުކޮށްފި

ފޯރިގަދަ ޒެފިއާ ފުޓްސަލް ކަޕްގެ ފުރަތަމަ މެޗުގައި އެފްސީ ސުއްޓާލައިނާއި ބައްދަލުކޮށް 3-4 ގެ ނަތީޖާއަކުން އެފްސީ އުސްގަނޑަ މެޗު ކާމިޔާބުކޮށް، ފެށުން ރަނގަޅުކޮށްފިއެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި، މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ފަސް މިނެޓު ތެރޭ ޖަހައި ލީޑު ނެގީ ސުއްޓާލައިން ޓީމުންނެވެ. މިގޯލަކީ އުސްގަނޑަ ޓީމުގެ ޖާޒީ ނަމްބަރު 10، އަހުމަދު އިބްރާހިމް(ކޭޑީ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ހާފުގެ ބޮޑުބައި ސުއްޓާލައިނުން ލީޑުގައި ކުޅެފައިވާއިރު އުސްގަނޑަ ޓީމުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް، މުހައްމަދު އާލިފް ފަހުމީގެ ފަރާތުންނެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ސުއްޓާލައިނުން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. ސުއްޓާލައިނުގެ ދެވަނަ ގޯލު މުހައްމަދު ތިލްމީޒް ޖަހާފައިވާއިރު ކައިރި ކައިރީގައި އުސްގަނޑަ ޓީމުން ވަނީ އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްފައެވެ. މިފަހަރު އުސްގަނޑަ ޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ކޭޑީއެވެ.

ދެވަނަ ފަހަރަށް އުސްގަނޑަ ޓީމުން ނަތީޖާ އެއްވަރުކޮށްފައިވަނިކޮށް ސުއްޓާލައިނުން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. މިފަހަރު ސުއްޓާލައިނުގެ ގޯލު ޖަހާފައިވަނީ ޒުވާން ފޯވާޑް، ހަސަން ރާއިފް އަހުމަދު(ހަންނާ) އެވެ.

ހަންނާގެ ގޯލަށްފަހު މާގިނައިރުތަކެއް ނުވެ އުސްގަނޑަ ޓީމުން ވަނީ މެޗުގެ ތިންވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. އަނެއްކާވެސް އާލިފްގެ ގޯލަކުން އުސްގަނޑަ ޓީމަށް ހަމަޖެހިލުމެއް ލިބިގެންދިޔައިރު މެޗުގެ ފަހު ގޯލުވެސް ޖަހާފައިވަނީ އާލިފްއެވެ.

ސުއްޓާލައިނު ޓީމުން ފަސް ފައުލް ހަމަވެ، ހަވަނަ ފައުލް ކުރުމުން މެޗުގެ ގަވާއިދާއި އެއްގޮތަށް ޕެނަލްޓީއެއް ރެފްރީ ވަނީ އުސްގަނޑަ ޓީމަށް ދީފައެވެ. އިމްރާން ފޮނުވާލި ބޯޅަ ގޯލުގެ ދަގަނޑުގައި ޖެހި، ކުޅުމުގެ ތެރެއަށް އައުމުން ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފުރަތަމަ ފަހަރަށް އުސްގަނޑަށް ލީޑު ނަގާދީނީ އާލިފްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ އާލިފްއެވެ.

ފޯރިގަދަ ޒެފިއާ ފުޓްސަލް މުބާރާތުގެ މެޗުތައް މާދަމާވެސް ކުޅޭނެއެވެ. އީދިގަލި ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ މާދަމާގެ މެޗުތައް ފެށޭނީ ހަވީރު 4:00 ގައެވެ. މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ އަފިރިން އަދި އެފްސީ ގައްލީޝާއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ބޭރުމަތި އަދި އެފްސީ ސްކޫޕް ކަންމަތިއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ އެލެކްސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޮންސަރަކީ ކޮކާ ކޯލާއެވެ. މީޑިޔާ ޕާޓްނަރަކީ "އައްޑޫލައިވް" އެވެ.