އައްޑޫ ސިޓީ، ފޭދޫން ރޮކެޓްގައި ދިޔައީ ތިމަންނާ ކަމަށާއި އަދި މިވަގުތު މިހުންނެވީ ޖައްވުގައި ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ތިނަދޫގައި ޕީޕީއެމްއިން ބޭއްވި "ހެއްޔޯސާ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އައިބީ ވިދާޅުވީ އެސްއީޒެޑް ގާނޫނު ވުޖޫދަށް އައުމާއި އެކު ރާއްޖޭގެ ތަރައްގީގެ އިންޖީނުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ 2 ސިލިންޑަރުގެ އިންޖީނުގެ ބަދަލުގައި އާ އިންޖީނެއް އެޅި ކަމަށާއި އެއީ ރޮކެޓެއް ކަމަށެވެ.
"2014 ވަނަ އަހަރުގެ އޯގަސްޓް 27 ވަނަ ދުވަހު އެ ގާނޫނު ވުޖޫދަށް ގެނައީ ތަސްދީގު ކޮށްފައި މި އޮޑީގައި އެ އިންޖީނު އަޅާލީ 1 ސެޕްޓެމްބަރުގައި އެއީ ރޮކެޓު އެހިސާބުން މިގައުމު އުދުއްސާލީ. އައްޑޫ ސިޓީ ފޭދޫން ރޮކެޓުގައި ދިޔައީ އަޅުގަނޑު. މިހިރީ ޖައްވުގައި." އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވީ، މިހުންނެވީ ޖައްވުގައި ކަމަށާއި ގައުމު ތަރައްގީކޮށް ފޭދޫގެ ބިން ވެސް ހިއްކާފައިވާނެ ކަމަށެވެ. އަދި ފޭދޫގެ އިތުރުން ތިނަދޫ އާއި މާފުށީގެ ބިން ހިއްކައި މިހާރު އެ ހިއްކަމުން ދަނީ ކުޅުދުއްފުށީގެ ބިން ކަމަށް އައިބީ ވިދާޅުވިއެވެ.
މީގެ އިތުރުން އައިބީ ވިދާޅުވި ގޮތުގައި ޒަމާނުއްސުރެ ރާއްޖޭގެ ތަރައްގީގެ އިންޖީނަކީ 2 ސިލިންޑަރުގެ އިންޖީނަކަށް ވެފައި އެ އިންޖީނު ބަދަލުކުރަން އެސްއީޒެޑް ގާނޫނެއް ފާސްކުރުމަށް ރައީސް ޔާމީން އެންގެވި ކަމަށެވެ.