ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދްގައި އިސްލާމިސްޓުން މުޒާހަރާކުރުމުގެ ތެރެއިން އުފެދުނު ހަމަނުޖެހުންގަނޑު ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ ސީރިއަސްވުމާއެކު ޕާކިސްތާނުން އެ ޤައުމުގެ އަސްކަރިއްޔާގެ އެހީއަށް އެދެފިއެވެ.
އިސްލާމްއާބާދްގެ މައި ހައިވޭއެއްގައި މުޒާހަރާ ކުރަމުންދިޔަ އިސްލާމިސްޓުންގެ ސަފުތައް ރޫޅާލުމަށް ސަލާމަތީ ބާރުތަކުން ުރި މަސައްކަތުގެ ތެރެއިން 200 މީހަކަށް ވަނީ އަނިޔާވެފަ އެވެ.
އެ އޮޕަރޭޝަން ވަނީ މިހާރު ސަސްޕެންޑްކޮށްފަ އެވެ.
މުޒާހަރާ ކުރާ މީހުން ދަނީ ޕާކިސްތާނުގެ ޤާނޫނާއި ބެހޭ މިނިސްޓަރު ޒާހިދް ހާމިދް މަޤާމުން ދުރުކުރުމަށް ގޮވާލަމުންނެވެ. މިނިސްޓަރުގެ މައްޗަށް ދީނަށް ފުރައްސާރަކުރުމުގެ ތުހުމަތު ކުރުމާއެކު ފައިޒާބާދް ހައިވޭ ބަންދުކޮށްގެން މުޒާހަރާ ކުރާތާ މިހާރު ގިނަ ހަފްތާތަކެއް ވެއްޖެ އެވެ.
ޕާކިސްތާނުގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ޕަންޖާބް ޕްރޮވިންސްގައި ހުންނަ މިނިސްޓަރު ޒާހިދް ހާމިދްގެ ގެކޮޅަށް ވެސް ގަދަކަމުން ވަދެފައި ކަމަށެވެ. އެހެންނަމަވެސް އެ ވަގުތު ކަންދިމާކުރިގޮތުން ހާމިދް އާއި އޭނާގެ އާއިލާގެ އެއްވެސް ބޭފުޅަކު ގޭގައި ނެތެވެ.
މުޒާހަރާތައް ވަނީ މިހާރު ޕާކިސްތާނުގެ އެހެނިހެން ސިޓީތަކަށް ވެސް ފެތުރިފަ އެވެ. އެގޮތުން ދެކުނު ކަރާޗީ ގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.
ޕާކިސްތާނުގެ ސަރުކާރުން ވަނީ އިއްޔެ ހަވީރު އިސްލާމްއާބާދްގައި ޙަރަކާތްތެރިވުމުގެ ހުއްދަ އަސްކަރިއްޔާ އަށް ދީފައެވެ.
އިންޓީރިއާ މިނިސްޓަރު ވިދާޅުވިގޮތުގައި އެ އަމުރު ނެރެފައި ވަނީ އިސްލާމްއާބާދްގެ ކަމާއިބެހޭ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށެވެ.
އިއްޔެ ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ސަފުތައް ރޫޅާލުމަށްޓަކައި ކަރުނަ ގޭހާއި ރަބަރު އުންޑައިގެ ބޭނުންކޮށްފަ އެވެ. އެހެންނަމަވެސް ޕާކިސްތާނުގެ މީޑިއާ އިން ރިޕޯޓް ކުރާ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ސަލާމަތީ ބާރުތަކަށް ގަލުން ހަމަލާ ދީފައި ކަމަށެވެ.
ފައިޒާބާދް އިންޓަޗޭންޖް ހުސްކުރުމަށްޓަކައި ގާތްގަނޑަކަށް 8،500 ފުލުހުންނާއި ޕެރެމިލިޓަރީ ބާރުތަކުން ވަނީ ޙަރަކާތްތެރިވެފަ އެވެ.