މިޞްރުގެ އޮފިޝަލުން ދަނީ ހުކުރު ދުވަހު އެޤައުމުގެ ސިނާއިގެ މިސްކިތަކަށް ދިން ހަމަލާތަކެއް ތަހުޤީގު ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން އެ ހަމަލާތައް ދިން މީހުން ތިބީ އައިސިސްގެ ދިދަ ހިފައިގެންނެވެ. ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތުގައި ދިން މި ހަމަލާތަކުގައި މަދުވެގެން 305 މީހުން ވަނީ މަރުވެފަ އެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ގްރޫޕަކުން އަދި ނަގާފައި ނުވެއެވެ.
މިޞްރުގެ ޕަބްލިކް ޕްރޮސެކިއުޓަރ ބުނިގޮތުގައި އެ ހާދިސާ ހިނގި ސަރަޙައްދުގައި މަދުވެގެން 30 ހަނގުރާމަވެރިން ތިބިކަމަށެވެ.
ރައީސް އަބްދުލް ފައްތާޙް އަލް-ސިސީ ވަނީ އެހަމަލާގެ ޖަވާބު އެންމެ ވަރުގަދަކޮށް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
މިޞްރުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ޓެރަރިސްޓުންނަށް ވަނީ އުދުވާނީ ހަމަލާތަކެއް ދީފައެވެ.
އައިސިސް އިން ދަނީ 2014 ވަނަ އަހަރުން ފެށިގެން މިޞްރުގެ އެކި ސަރަޙައްދުތަކަށް ހަމަލާ ދެމުންނެވެ. އެހެންނަމަވެސް ހުކުރު ދުވަހު ހިނގި ހާދިސާ އަކީ މިފަހަކަށް އައިސް އެޤައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 30 ކުޑަކުދިން ވެސް ހިމެނެއެވެ. އަދި އިތުރު 100 މީހަކަށް ވަނީ އަނިޔާވެފަ އެވެ.