ބޮލީވުޑްގެ ކިން ޚާން ކަމުގައިވާ ޝާހް ރުކް ޚާން އޭނާގެ 52 ވަނަ އުފަންދުވަސް ދާދިފަހުން ފާހަގަކޮށްފައިވާއިރު، މިހާރު ޝާހް ދަނީ އާނަންދް އެލް ރާއިގެ ފިލްމްގެ ޝޫޓިން ވަރަށް އަވަދިނެތި ކުރަމުންނެވެ.
އެ ފިލްމްގައި ޝާހްގެ އިތުރުން އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކައިފް ޙަރަކާތްތެރިވެ އެވެ. މި ފިލްމްގެ ނަމާއި ބެހޭގޮތުން މީޑިއާގައި ވަރަށް ބޮޑަށް ވާހަކަ ދެކެވެމުންދާއިރު، އަދިވެސް ފިލްމްގެ ނަމާއިމެދު ޕްރޮޑިއުސަރުން ވެސް އަދި ކްރޫއިން ވެސް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.
އެހެންނަމަވެސް، އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން ޝާހް ރުކް ޚާން ދަނީ އާ އަހަރުގެ މުނާސަބަތުގައި އޭނާގެ ފޭނުންނަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން ފިލްމްގެ ނަން އިއުލާން ކުރުމަށް ރާވަމުންނެވެ.

މި ފިލްމްގައި ޝާހް އަދާކުރާނީ އުފެދުމުގައި ވެސް އިސްކޮޅުން ކުރު މީހެއްގެ ރޯލެވެ. ގިނަ ބަޔަކު ވަނީ މި ފިލްމަށް "ޑްވާފް ފިލްމް"ގެ ނަމުން ނަން ދީފައެވެ.
ހިމާންޝޫ ޝަރްމާ ލިޔެ އަދި އާނަންދް އެލް ރާއި ޑައިރެކްޓް ކުރާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2018 ވަނަ އަހަރުގެ ކްރިސްމަސް ގައެވެ.