އިންޑިއާގެ ފިލްމީ އިންޑަސްޓްރީ އަށް މި އަހަރު 100 އަހަރު ފުރޭތީ އެކަން ފާހަގަ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހަތަރު ޑައިރެެޓަރަކުވެގެން ހަދާ "ބޮމްބޭ ޓޮލްކީޒް" ގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފި އެވެ.
މެއި މަހުގެ 3 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި ހިމެނެނީ މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ކަރަން ޖޯހަރު އާއި ޒޯޔާ އަހްތަރުގެ އިތުރުން ދިބާކަރު ބެނަޖީ އާއި އަނޫރާގް ކެޝަޕް ޑައިރެކްޓްކޮށްފައިވާ ކުރު ފިލްމްތަކެވެ.
އެގޮތުން މައިގަނޑު ހަތަރު ވާހަކައެއް ކިޔައިދޭ "ބޮމްބޭ ޓޮލްކީޒް" އަށް ކަރަން ހަދާފައިވާ ސެގްމަންޓްގައި ހަރަކާތްްތެރި ވަނީ ރާނީ މުކަރުޖީ އާއި ރަންދީޕް ހޫޑާގެ އިތުރުން ސާގިބް ސަލީމް އެވެ.
ޒޯޔާގެ ސެގްމަންޓްގެ ލީޑް ރޯލުން ކެޓްރީނާ ކެއިފް ފެނިގެން ދާ އިރު އަނޫރާގް ސެގްމަންޓްގެ ބަތަަލަކީ އަމީތާބް ބައްޗަން އެވެ. އަދި ދިބާކަރުގެ ސެގްމަންޓްގެ އިސް ރޯލުން ފެނިގެން ދާނީ ނަވާޒުއްދީ ސިއްދީގް އެވެ.
މީގެ އިތުރުން މި ފިލްމް ނެރޭޓްކޮށް ދޭނީ ރަންބީރު ކަޕޫރެވެ.