އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަދި ޗެލްސީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
ލިވަޕޫލް ދަނޑުގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ދެޓީމަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މެޗުގެ ފުރަތަމަ ގޯލު ފެނިގެން ގޮސްފައިވަނީ 65 ވަނަ މިނެޓުގައެވެ. އެލެކްސް އޮކްސްލޭޑް ޗެމްބަލެންގެ އެސިސްޓަކުން މިލަނޑު ލިވަޕޫލަށް ޖަހާފައިވަނީ މުހައްމަދު ސަލާހުއެވެ. މިއީ ސަލާހް މިސީޒަނުގައި ލީގުގައި ޖެހި 10 ވަނަ ގޯލެވެ.
ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ވިލިއަންއެވެ. މެޗު ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ވިލިއަން ގޯލު ޖަހާފައިވަނީ ލިވަޕޫލް ކީޕަރު މިންގޮލޭ ގޯލުގެ ކުރިއަށް ޖެހިފައިވަނިކޮށް ޗިޕް ޝޮޓަކުންނެވެ.
މިލަނޑާއެކު ކޮންޓޭގެ ޓީމަށް ޕޮއިންޓެއް ސަލާމަތްކުރެވުނުއިރު ލިވަޕޫލް ކުޅުންތެރިން ވަނީ މެޗަށްފަހު ނުތަނަވަސްކަން ފާޅުކޮށްފައެވެ. މެންޗެސްޓާ ޔުނައިޓެޑު އަތުންވެސް އެންފީލްޑުގައި ކުޅެ ލިވަޕޫލް އެއްވަރުވިއިރު ސިޓީއަތުން 0-5 އިން ލިވަޕޫލް ވަނީ މިސީޒަނުގައި ބަލިވެފައެވެ.
މެޗުން އެއްވަރުވެ ލިބުނު ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލުގެ 5 ވަނައިގައި 23 ޕޮއިންޓާއެކުއެވެ. ހަވަނަ އަދި ހަތްވަނައިގައި އޮތް އާސެނަލްއާއި ބާންލީ މެޗުން މޮޅުވެއްޖެނަމަ ލިވަޕޫލް ފަހަތަށް ވެއްޓޭނެއެވެ. ޓޮޓެންހަމްވެސް އެއްވަރުވެ ތާވަލުގެ ކުރިއަށް ދިއުމަށް ލިބުނު ފުރުސަތު ނަގާލާފައިވާއިރު ޗެލްސީ ވަނީ ދެވަނައިގައި އޮތް ޔުނައިޓެޑާއި ތިން ޕޮއިންޓުގެ ފަރަގެއް އުފެދިފައެވެ.
ބްރައިޓަން މެޗު 0-1 އިން ޔުނައިޓެޑު ކާމިޔާބުކޮށްފައިވާއިރު ސްޕާސް ވަނީ ވެސްޓް ބްރޮމްއާ ކުޅެ 1-1 އިން އެއްވަރުވެފައެވެ.