Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

އުރީދޫ "ކަލާ ރަން" ގައި މިހާތަނަށް 3،000 ދުވުންތެރިން

އުރީދޫ ކަލާ ރަންގެ ތެރެއިން: ފޮޓޯ - އުރީދޫ

އަންނަ މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލާ ރަންގައި ބައިވެރިވުމަށް މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އުރީދޫއިން ހާމަކޮށްފިއެވެ.

ހުޅުމާލޭގައި ބާއްވާ މި ދުވުމުގައި ބައިވެރިވި ދުވުންތެރިންނަށް ރޭހުގެ ބިބު ހަވާލުކުރުން މިމަހުގެ 28،29 ގައި ހަމަޖެހިފައިވާ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އާންމުކޮށް ބާއްވާ މިފަދަ ދުވުންތަކާއި އުރީދޫ ކަލާ ރަން ތަފާތުވާނެ ކަމަށްވެސް އުރީދޫން ބުނެފައިވެއެވެ. އާންމުންނަށް ވަރަށް ގިނަ 'ސަޕްރައިޒްތަކެއް' މިދުވުމުން ފެނިގެންދާނެ ކަމަށް އުރީދޫން ބުނި ނަމަވެސް އޭގެ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ފަސް ކިލޯމީޓަރަށް ބައިވެރިން ދުވުމަށް ހަމަޖެހިފައިވާއިރު މިރޭހުގައި އަލަށް މިފަދަ ރޭސްތަކުގައި ބައިވެރިވާ ފަރާތްތަކަށްވެސް ފުރުސަތު ހުޅުވާލާފައިވެއެވެ. ވަކި ވަގުތެއް ތެރޭ ނިންމަން ޖެހޭ ރޭހަކަށް މިރޭސް ނުވާތީ ބައިވެރިންނަށް ހިނގާފައިވެސް ރޭސް ނިންމިދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ކަލާ ރަންގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަމެއް ކަމުގައި ދެއްކުމެވެ.