ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައިސާ އައިމިނަތު ނާދިރާ އަކީ ޕީޕީއެމަށް ޖެހިފައިވާ ވައިރަހެއް ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ ވިދާޅުވެއްޖެއެވެ.
ތިނަދޫގައި ރޭ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި އައިބީ ވަނީ ރާއްޖޭގެ ރަށްތަކަށް ނުދިއުމަށް ނާދިރާއަށް ގޮވާލާފައެވެ.
"އަޅުގަނޑު ނާދިރާއަށް ދަންނަވާލާނީ ތިޔަހެން ނޫޅުއްވާށޭ، ކަމަނާއަކީ. ނާދިރާ އަކީ، ވައިރަސް އެކޭ ޕީޕީއެމަށް ޖެހިފައި އޮތް. ޕީޕީއެމަށް ޖެހިފައި އޮތް ވައިރަސް އެކޭ ތިއީ. ތިހެން ރަށްރަށަށް އަރާ ނޫޅުއްވާށޭ."
އައިބީ ވިދާޅުވި ގޮތުގައި، ނާދިރާ އާއި އިދިކޮޅު ފަރާތްތަކީ އެއްވެސް ބައެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށެެވެ.
ނާދިރާއަށް އަމާޒުކޮށް އައިބީ ބަހުގެ ހަމަލާތަކެއް ފޮނުވާލާފައި ވާއިރު ގުޅިފައިވާ ޕާޓީތަކުން ގދ. ތިނަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ސަރުކާރަށް އަމާޒުކޮށް ނާދިރާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އެހެން ނަމަވެސް ނާދިރާ ދެއްކެވި ވާހަކަފުޅުގައި އައިބީ އަށް އަމާޒުކުރައްވައި އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.