Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

އަފިރިން އާއި ބޭރުމަތި މެޗުތައް ކާމިޔާބުކޮށްފި

އެލެކްސް އިންވެސްޓްމެންޓް ޒެފިއާ ފުޓްސަލް ކަޕް 2017 ގެ މިއަދުގެ މެޗުތައް އެފްސީ އަފިރިން އަދި އެފްސީ ބޭރުމަތި ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ މެޗުގައި އެފްސީ އަފިރިން އަދި އެފްސީ ގައްލީޝާ ކުޅުނު މެޗު އަފިރިން ޓީމުން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 2-7 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަފިރިން ޓީމުން ޖެހި 7 ލަނޑުގެ ތެރެއިން 4 ލަނޑު ކާމިޔާބުކޮށްފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 9، އިޔާސް ޝާހިދެވެ.

އޭނާގެ އިތުރުން އަހުމަދު ރީހާންއާއި ސަރާހު ރަޝީދުގެ ދެގޯލުވެސް މިއަދުގެ މެޗުން ފެނިގެން ގޮސްފައިވެއެވެ. އަދި ގައްލީޝާ ޓީމުގެ ޖާޒީ ނަމްބަރު 4، އިބްރާހިމް ޝާން އަތުން މިމެޗުގައި ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.

ގައްލީޝާ ޓީމުގެ ދެގޯލުވެސް ޖަހާފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 2، ޝާމް އަލީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަފިރިން ޓީމަށް ހަތަރު ލަނޑު ޖަހައިދިން އިޔާސް ޝާހިދެވެ.

މިއަދުގެ ދެވަނަ މެޗުގައި އެފްސީ ބޭރުމަތި އަދި އެފްސީ ސްކޫޕް ކަންމަތި ބައްދަލުކުރި މެޗު ބޭރުމަތި ޓީމު ކާމިޔާބުކޮށްފައިވަނީ 3-5 އިންނެވެ. ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ބޭރުމަތި ޓީމުންނެވެ.

ނިމިގެންދިޔަ ގޯދިއްޔާ ފުޓްސަލް މުބާރާތުގައިވެސް ބޭރުމަތި ޓީމަށް ކުޅުނު އަލީ ހާފިޒް(ކުޑަ އައްޔަ)ގެ ފަރާތުން މިމެޗުގެ ފުރަތަމަ ގޯލު ފެނިގެން ގޮސްފައިވާއިރު ސްކޫޕް ކަންމަތިން ވަނީ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު ފެނިގެން ގޮސްފައިވަނީ ސްކޫޕް ޓީމުގެ އަހުމަދު ހަބީބްގެ ފަރާތުންނެވެ.

ސްކޫޕުން އެއްވަރުކޮށްފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އައްޔަ ވަނީ އޭނާގެ ދެވަނަ ގޯލާއެކު އަނެއްކާވެސް ލީޑު ނަގާދީފައެވެ.

ދެވަނަ ހާފުގައި ދެޓީމުންވެސް ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް ގިނަކޮށްފައެވެ. ބޭރުމަތި ޓީމުން ދެވަނަ ހާފުގައި އިތުރު ތިން ލަނޑު ޖަހާފައިވާއިރު ސްކޫޕުންވެސް ވަނީ ދެލަނޑު މިހާފުގައި ޖަހާފައެވެ. ބޭރުމަތި ޓީމުގެ ތިން ލަނޑުވެސް ޖަހާފައިވަނީ ޓީމުގެ ކެޕްޓަން، އަހުމަދު ނާޝިދު(ނައްޓޭ)އެވެ. ސްކޫޕުގެ މިހާފުގެ ދެލަނޑުވެސް ޖަހާފައިވަނީ އަބްދުﷲ ވާޒިއުއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދެވަނަ ހާފުގައި ތިން ލަނޑު ޖަހައި، ހެޓްރިކް ހެދި ބޭރުމަތި ޓީމުގެ އަހުމަދު ނާޝިދު(ނައްޓޭ) އެވެ.

މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ގައުމު އެފްސީ ނިކުންނާނީ އެފްސީ ފެލްކޮންސްއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ސުއްޓާލައިނު އަދި ކޮށިފަންނައެވެ.