Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

ޖަޕާނާއި ރާއްޖޭގެ ވިޔަފާރި ގުޅުން އިތުރު ކުރަން މަޝްވަރާކޮށްފި

ފޮޓޯ: ރައީސް އޮފީސް

އޭޝިޔާގެ ބޮޑު ބާރެއް ކަމަށްވާ ޖަޕާނާއި ދިވެހި ރާއްޖެއާއި ދެމެދުގައިވާ ސިޔާސީ ގުޅުމަށް 50 އަހަރުވުމާއި، ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ޖަޕާނުގެ ޕާލަމެންޓްރީ ވައިސް މިނިސްޓަރ ފޮ ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ އައިވާއޯ ހޯރީ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ޖަޕާނުގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ޝިންޒޯ އަބޭއަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި ދިވެހި ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ދުވަސްވީ އެކުވެރިކަމާއި ގާތް ކަމަށް ޝުކުރު ދަންނަވައި، ދެގައުމުގެ ދެމެދުގައިވާ ސިޔާސީ ގުޅުމަށް 50 އަހަރުވުމުން ޖަޕާނު ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.

މީގެ އިތުރުން ރައީސް ޔާމީންވަނީ ޖަޕާނުގެ އިންވެސްޓުމެންޓުތައް ރާއްޖޭގައި އިތުރުކޮށް، ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ ކަނތްތައްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައެވެ. އަދި ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޖަޕާނުގެ ހިއްސާ އިތުރުކުރުމަށް ކުރެވިދާނެ ކަންތަކާ ގުޅޭގޮތުންވެސް ރައީސް ޔާމީން ވަނީ ޖަޕާނުގެ ވަފުދާއެކު މަޝްވަރާކޮށްފައެވެ.

މިބައްދަލުވުމުގައި ޖަޕާނުގެ ޕާލަމެންޓްރީ ވައިސް މިނިސްޓަރ ފޮ ފޮރިން އެފެއާޒްގެ އިތުރުން އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު، ހިޒް އެކްސެލެންސީ ކަޒޫމީ އެންޑޯއާއި ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސައުތްވެސްޓް ޑިވިޝަނުގެ ޑިރެކްޓަރ މިނިސްޓަރު ޔޮޝިޓަރކީ ޝޯގޯގެ އިތުރުން އެސިސްޓެންޓު ޓު ދަ ޕާލެމެންޓްރީ ވައިސް މިނިސްޓަރ ފޯ ފޮރިން އެފެއާޒް އޮފް ޖަޕާން، މިސް ޔުރިނަރ ނަމޯޓޯވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ދިވެހި ރާއްޖެއާއި ޗައިނާ އަދި ސައުދީ އަރަބިއްޔާއާއި އޮތް ގުޅުންވެސް ވަނީ އިތުރަށް ވަރުގަދަކޮށް ދެގައުމުގެ އިންވެސްޓުމެންޓުތައް ރާއްޖޭގައި އިތުރުކޮށްފައެވެ.