Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

މަސައްކަތް ހިނގާނީ އާސާރީ ތަކެއްޗަށް ގެއްލުން ނުވާ ގޮތަށް: ހައުސިން

މާލޭ ހުކުރު މިސްކިތް ހުންނަ ސަރަހައްދު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވުމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އެސަރަހައްދުގައި ހުރި އެއްވެސް އާސާރީ އެއްޗަކަށް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން އަރުވައިފިއެވެ.

މިސަރުކާރުން ރާއްޖޭގެ އާސާރީ ބިނާތަކާއި ތަކެއްޗަށް ގަދަރުނުދީ، ގެއްލުން ކުރާ ކަމަށްބުނެ ގިނަ ބަޔެއްގެ ފާޑުކިޔުންތައް ސަރުކާރަށާއި ހައުސިން މިނިސްޓްރީއަށް އަމާޒުވެފައިވާ މިދަނޑިވަޅުގައި މިނިސްޓްރީން ބުނެފައިވަނީ އެސަރަހައްދުގައި މަސައްކަތް ކުރާނީ އެއްވެސް އާސާރީ އެއްޗަކަށް ގެއްލުމެއް ނުވާ ގޮތަށް ކަމަށެވެ.

ސަރުކާރުގެ ޕްލޭނުގައި ހުކުރު މިސްކިތް ހުރި ސަރަހައްދުގައި ބަގީޗާއެއް ހެދުމުގެ އިތުރުން އެތަނުގައި ކެފެޓީރިއާއެއްވެސް ބިނާކުރުމަށް ނިންމާފައިވެއެވެ. އެމަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިނިސްޓްރީން އިއުލާންކުރުމުން އެތައް ބަޔަކުވަނީ ސަރުކާރުން އާސާރީ ތަކެތި ހިމާޔަތް ނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައިވެސް ހިމެނޭ ތަނެކެވެ. ދިވެހި ރާއްޖެއަށް ޒިޔާރަތްކުރާ އެތައް ފަތުރުވެރިން ޒިޔާރަތްކުރާ ތަނަކަށް ހުކުރު މިސްކިތް ވެފައިވާއިރު އެފަދަ ތަނަކަށް ސަރުކާރުން ހިމާޔަތް ނުކޮށް، ހަލާކުކޮށްލުމީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ ބައެއް މީހުން ވަނީ ސޯޝަލް މީޑިޔާގައި ފާޑުކިޔާފައެވެ.