އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަދި ހަޑަސްފީލްޑް ބައްދަލުކުރި މެޗު 1-2 އިން ސިޓީ ހަނިގޮތަކަށް ކާމިޔާބުކޮށްފިއެވެ.
ސިޓީން މެޗު ކާމިޔާބުކޮށްފައިވަނީ ހަޑަސްފީލްޑުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި މޮޅުވެގެންނެވެ. ހަޑަސްފީލްޑުގެ ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުގެ ކުޅެން ނިމެން ކައިރި ވެފައިވަނިކޮށް ސިޓީގެ އޮޓަމެންޑީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތަނާހެން ސިޓީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. 47 ވަނަ މިނެޓުގައި އަގުއޭރޯ ނަތީޖާ އެއްވަރުކޮށްފައިވަނީ ސިޓީއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެނެވެ.
ގުއާޑިއޯލާގެ ޓީމު ދެވަނަ ހާފު އެއްކޮށް ކޮންޓްރޯލްކޮށްގެން ކުޅެފައިވާއިރު މެޗުން މޮޅުވި ލަނޑު ފެނިގެން ގޮސްފައިވަނީ 85 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގެ ފަރާތުންނެވެ.
މިމޮޅާއެކު ސިޓީން ވަނީ އަނެއްކާވެސް ފަހަތުގައި އޮތް ޔުނައިޓެޑާއި ދެމެދު އޮތް ފަރަގު 8 ޕޮއިންޓަށް ފުޅާކޮށްފިއެވެ. އަދި ތިންވަނައިގައި އޮތް ޗެލްސީއާ ދެމެދު 12 ޕޮއިންޓު މިހާރު އެބައޮތެވެ.
މިސީޒަނުގައި އެންމެ މެޗަކުންވެސް ބަލިނުވާ ޓީމުތަކުގެ ތެރޭގައި ސިޓީ ހިމެނިފައިވާއިރު ޕްރިމިއާ ލީގުގައި ކުޅުނު 13 މެޗުން 12 މެޗު ކާމިޔާބުކޮށް އެއްވަރުވީ އެންމެ މެޗަކުންނެވެ.