Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

"ލޯނު ނުނަގާ ނަމަ ތިބިތާ ތިބެންވީތޯ؟"

ސަރުކާރުން ލޯނު ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގާތީ އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑުވިދާޅުވުމުން ރައީސް ޔާމީން އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރޭ ޒުވާނުންގެ އެވޯޑު ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ލޯނު ނަގަނީ ތަރައްގީ ކުރުމަށް ކަމަށާއި ލޯނު ނުނަގާ ތަރައްގީ ނުކޮށް މީގެ 25 އަހަރުކުރިން ރާއްޖެ އޮތް ގޮތަށް، ތިބިތާ ތިބެންވީތޯ ސުވާލު އުފައްދާފައިވެއެވެ.

އަދި މިގައުމަށް އޮތީ ދެ "އޮޕްޝަން" ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އޭގެ ތެރެއިން އެއް އޮޕްޝަނަކީ ލޯނު ނަގައިގެން ކުރިއަށް ދިއުން ކަމަށާއި އަނެއް އޮޕްޝަނަކީ ލޯނު ނުނަގާ ކުރިއަށް ދިއުން ކަމަށެވެ. ނަމަވެސް ލޯނު ނުނަގާ ކުރިއަށް ނުދެވޭނެ ކަމަށާއި އެހެން ހެދުމުން ތިބޭނީ ހުއްޓުން އަރާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަނީ ލޯނު ނަގައިގެން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ. އެގޮތުން ހުޅުލޭ އެއާޕޯޓު ތަރައްގީ ކުރުމަށްވެސް 800 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށާއި އެފަދަ ކަންތައްތަކަކީ ލޯނު ނުނަގައި ނުކުރެވޭނެ ކަންތައްތައް ކަމަށް ބުނެ ރައީސް ޔާމީންގެ ލޯނު ނެގުމުގެ ސިޔާސަތަށް ބާރު ދީފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު ކަންބޮޑުވުން ފާޅުކުރާ އެންމެ ބޮޑު ކަމަކީ މިފަދަ ލޯނުތައް ނަގައިގެން މިސަރުކާރުން ދައުލަތް ދަރަނިވެރިކުރުމެވެ. މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވަނީ އަންނަ އަހަރު ބޭރުގެ ދަރަނި ބޮޑުވެ، ރަސްމީ ރިޒާވުން ފައިސާ ނަގަން މަޖުބޫރު ވާނެ ކަމަށް ލަފާކޮށްފައެވެ.