ރައީސް އަބްދުﷲ ޔާމީން ގެނެސް ދެއްވި އިގުތިސޯދީ "އިންގިލާބު"ގެ ފައިދާ އެންމެ ބޮޑަށް ކުރާނެ ޖީލަކީ މުސްތަގުބަލުގެ ޒުވާނުންނަށް ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފުލާގައި ރައީސް ޔާމީނަށް ތައުރީފުގެ ބަސްތައް މިނިސްޓަރު އަމުނާލައްވަމުން ވިދާޅުވެފައި ވަނީ ރައީސް އަޅުއްވާ ކޮންމެ ފިޔަވަޅަކީ ޒުވާނުންނަށް އުޖާލާ މުސްތަގުބަލެއް ހޯއްދެވުމަށް އަޅުއްވާ ފިޔަވަޅެއް ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމަށް ހަތަރު އަހަރު ފުރިގެން ގޮސްފައިވާއިރު ފާއިތުވެދިޔަ ހަތަރު އަހަރުގައި އެކި ދާއިރާތަކުން ޒުވާނުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި އޭގެ އެންމެ ބޮޑު މޭސްތިރިއަކީ ރައީސް ޔާމީން ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ގެނެސްދެއްވި އިގުތިސޯދީ އިންގިލާބުގެ ފޮނި މީރުކަން އެންމެ ބޮޑަށް ކުރާނެ ބަޔަކީ ވެސް މިއަދުގެ ޒުވާން ޖީލާއި މާދަމާގެ ޒުވާނުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮންމެ ގައުމެއްވެސް ތަރައްގީ ކުރުމުގައި ޒުވާނުންގެ ރޯލުގެ މުހިންމުކަމަށް އަލިއަޅުވާލަމުން އިރުތިޝާމް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާނީ ޒުވާނުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށެވެ.
އެގޮތުން މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަ ކީވެސް 'ޒުވާނުންގެ ހިއްސާ: ގައުމުގެ ކުރިމަގު' ކަން ހުރިހާ ޒުވާނުންނަށް ޔޫތު މިނިސްޓަރު ވަނީ ހަނދާން އާކޮށްދީފަ އެވެ.