ރޭ ސްޕެނިޝް ލީގުގައި ވެލެންސިއާ އަދި ބާސެލޯނާ ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭގެ މެޗުގައި މެޗުގެ ރެފްރީއަށް ބާސާގެ ފަރާތުން ފާޑުކިޔުންތައް ވަރަށް ބޮޑަށް ވަނީ އަމާޒުވެގެން ގޮސްފައެވެ. މެސީ ފޮނުވި ބޯޅަ ގޯލު ލައިނު ފަހަނަޅައި ދިޔަ ނަމަވެސް ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމާފައެވެ.
https://twitter.com/RizzoReport/status/934880257328508929
މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެލެންސިއާއެވެ. 60 ވަނަ މިނެޓުގައި ރޮޑްރީގޯ ވެލެންސިއާގެ ގޯލު ޖަހާފައިވަނިކޮށް 82 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްދިނީ ޖޯޑީ އަލްބާއެވެ.
ވެލެންސިއާއިން ބާސާއަށް ބަދަލުވި އަލްބާގެ ގޯލުން ބާސާއަށް ޕޮއިންޓެއް ލިބުނަސް، މެސީގެ ގޯލު ނުގުނުމުން ބާސާ ކުޅުންތެރިންނާއި ކޯޗުން ވަނީ އިންތިހާއަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އިނގިރޭސި ފުޓުބޯޅައިގައި 'ގޯލް ލައިން ޓެކްނޮލޮޖީ" ބޭނުންކުރި ނަމަވެސް ސްޕެނިޝް ފުޓުބޯޅައިގައި އެ ޓެކުނޮލޮޖީ ބޭނުމެއް ނުކުރެއެވެ. ގޯލް ލައިން ޓެކްނޮލޮޖީ އިން ބޯޅަ ގޯލު ލައިނު ފަހަނަޅައި ގޮސްފިނަމަ ވަގުތުން ރެފްރީއަށް އަންގާނެއެވެ.
ރޭގެ ހާދިސާއަށް ފަހު ސްޕެއިންގެ ގަދަބާރުން ވަނީ ގޯލު ލައިން ޓެކްނޮލޮޖީ ސްޕެއިން ފުޓުބޯޅައަށްވެސް ތައާރަފްކުރުމަށް ގޮވާލާފައެވެ.