Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭ ހެދުން މެދުކަނޑާލައިފި

މާލޭގެ ހުކުރު މިސްކިތް ހުރި ސަރަހައްދުގައި ކެފެޓީރިއާއެއް ހެދުމަށް ނިންމައި އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާން މިއަދު ބާތިލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން އިއުލާން ބާތިލުކުރީ އެކަން ކުރުމާ މެދު ވަރަށް ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެގޮތުން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވަނީ އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ބުނެ ޓުވީޓެއް ކުރައްވާފައެވެ. އަދި ސަރުކާރުން އެފަދަ އާސާރީ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމަކީ ގައުމީ ވާޖިބެއް ކަމަށް ވިދާޅުވެ މައުމޫން ވަނީ ކުރިންވެސް އާސާރީ ތަކެތި ހިމާޔަތް ކުރުމަށް ގޮވާލާފައެވެ.

އިއުލާން ބާތިލުކޮށް މަސައްކަތް މެދުކަނޑާލި ނަމަވެސް ހައުސިން މިނިސްޓްރީން އެޕްރޮޖެކްޓު ހުއްޓާލާފައެއް ނުވެއެވެ. "މިހާރު" ނޫހަށް މައުލޫމާތު ދެމުން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު ވިދާޅުވެފައިވަނީ ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމާ ގުޅިގެން އިތުރަށް ބެލުމަށް އެއިއުލާން ބާތިލުކުރީ ކަމަށެވެ.