އައްޑޫ ސިޓީ، ގަމުގައި ހިނގި އެކްސިޑެންޓެއްގައި ޓެކްސީ އަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ، ގަން އެއާޕޯޓަށް ދިޔަ ޓެކްސީއެއް މަގުގެ އެއްފަރާތުގައި ހުރި ފާރު ބުރިއެއްގައި ޖެހިގެންނެވެ. އެއީ ގަމުގައި އިނގިރޭސިންގެ ދުވަސްވަރު ފެން ހިންދުމަށް ކަނޑާފައިވާ ކާނެއް ފާހަގަކުރުމަށް ހުންނަ ފާރު ބުރިއެކެވެ.
މި އެކްސިޑެންޓްގައި ޓެކްސީގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާއިރު ދުއްވަން އިން މީހާ އަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އެކްސިޑެންޓް ހިނގި އިރު ދުއްވަން ޓެކްސީގައި ހުރީ ޑްރައިވަރު އެކަންޏެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން މަންޒަރު ދުށް މީހަކު ބުނީ، އެކްސިޑެންޓް ހިނގާފައި ވަނީ އީކުއޭޓަރ ވިލެޖާއި ދިމާލަށް އޮންނަ ބެންޑުން ކާރު އަޅާލަން އުޅެނިކޮށް ކަމަށެވެ.
"ޑްރައިވަރު ބުނީ ބެންޑުން އަޅާލި ވަގުތު ހުންގާނު ލޮކްވީ ކަމަށް. އެހާ ބާރަކަށް ނޫން ދުއްވާފައި އައީ" އޭނާ ބުންޏެވެ.