އެލެކްސް އިންވެސްޓްމަންޓް ޒެފިއާ ފުޓްސަލް ކަޕް 2017ގައި މިއަދު ކުޅުނު ދެވަނަ މެޗް ފަސޭހަ ކަމާއި އެކު އެފްސީ ސުއްޓާލައިނުން ކާމިޔާބުކޮށްގިއެވެ.
އެފްސީ ކޮށިފަންނަ އާއި ސުއްޓާލައިން ބައްދަލުކުރި މެޗް ސުއްޓާލައިނުން ކާމިޔާބު ކުރީ 1-5 އިންނެވެ.
މިއަދުގެ މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ސުއްޓާލައިނަށް ލީޑު ނަގައި ދިނީ ހަސަން ރާއިފް އަހްމަދު(ހަންނާ) އެވެ.
ހަންނާގެ ލަނޑަށް ފަހު ސުއްޓާލައިނުން ވަނީ ފުލުފުލުގައި ކޮށިފަންނަ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މުހައްމަދު ތިލްމީޒް ވަނީ ސުއްޓާލައިނަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.
ސުއްޓާލައިނުގެ 3 ވަނަ ގޯލް މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ކާމިޔާބުކޮށް ދިނީ ހުސެއިން ޝަޢީމް އެވެ.
ދެވަނަ ހާފުގައިވެސް އޭނާއަށް ކައިރި ކައިރީގައި ރަނގަޅު، ހުސް ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ހިފޭނެ ގޮތެއް ނުވިއެވެ.
ދެވަނަ ހާފުގައި ސުއްޓާލައިނު ޓީމުން އިތުރު ދެލަނޑު ޖަހާފައިވާއިރު ދެލަނޑުވެސް ފެނިގެން ގޮސްފައިވަނީ މުހައްމަދު ތިލްމީޒްގެ ފަރާތުންނެވެ.
މިއަދުގެ މެޗުގައި ކޮށިފަންނަ ޓީމުން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ އިބްރާހިމް ހާރިޝްއެވެ.
މިމެޗުން ބަލިވި ނަމަވެސް ކޮށިފަންނަ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ.