Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

އަގުންގް ފަރުބަދަ ގޮވާފާނެތީ އެންމެ މަތީ އެލާޓް ނެރެފި

އިންޑޮނޭޝިއާގެ ބާލީގެ އަގުންގް ފަރުބަދަ ގޮވާފާނެކަމުގެ ބިރު ހީވުމާއެކު އެ ސަރަޙައްދުގައި ދިރިއުޅެމުންދާ ގާތްގަނޑަކަށް 100،000 މީހުން ރައްކާތެރި ތަންތަނަށް ބަދަލުވުމަށް އަންގައިފި އެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން ވަނީ އެންމެ މަތީ ލެވެލްގެ އެލާޓެއް މިކަމާއި ގުޅޭގޮތުން ނެރެފައެވެ.

އަގުންގް ފަރުބަދަ ކައިރީގައި ދިރިއުޅޭ މީހުން އެ ސަރަޙައްދު ދޫކޮށް ދިއުމަށް ކަމާއިބެހޭ ފަރާތްތަކުން އިލްތިމާސް ކުރިކަމުގައި ވިޔަސް، އަދިވެސް އެތައް ހާސް މީހުންނެއް އެ އިލްތިމާސް އަށް ބީރު ކަންފަތެއް ދިނުމަށް އެ ސަރަޙައްދުގައި އެބަތިބި ކަމަށް އިންޑޮނޭޝިއާ އިން ބުނެފި އެވެ.

ފަރުބަދަ ގޮވާފާނެކަމުގެ އެންމެ މަތީ އެލާޓް ނެރުނުނަމަވެސް، އަދިވެސް ބައެއް މީހުންނަށް ހީވާ ގޮތުގައި އެ ސަރަޙައްދުގައި ތިބުމަކީ ރައްކާތެރި ކަމެކެވެ. އަދި އަނެއްބައި މީހުން އެމީހުންގެ ގެރިބަކަރި ދޫކޮށްލުމަށްފަހު ދާން ބޭނުމެއް ނުވެއެވެ.

އަދިވެސް އެ ސަރަޙައްދު ދޫކޮށް ގޮސްފައި ނުވާ މީހުން ގަދަކަމުން އެތަނުން ބޭރުކުރަން ޖެހޭނެކަމަށް އެޤައުމުގެ ޑިޒާސްޓާ މެނޭޖްމެންޓް އޭޖެންސީގެ ތަރުޖަމާނަކު ބުނެއެވެ.

އެނގިފައިވާ ގޮތުގައި ބާލީގެ އެއާޕޯޓް ވެސް ވަނީ ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން އެތައް ހާސް ފަތުރުވެރިންނެއް މިހާރު ތިބީ އެއާޕޯޓްގައި ތާށިވެފައެވެ. އެގޮތުން އެއާޕޯޓް އޮފިޝަލުން މަޢުލޫމާތު ދޭގޮތުގައި 445 ފްލައިޓެއް ކެންސަލް ކުރެވި، 59،000 ދަތުރުވެރިން ތިބީ އެއާޕޯޓްގައި ތާށިވެފަ އެވެ. އިންޑޮނޭޝިއާގެ ޤައުމީ ހޮޓެލް އެސޯސިއޭޝަނުން ވަނީ އެއާޕޯޓްގައި ހައްޔަރުވެފައި ތިބި ފަތުރުވެރިންނަށް އެ އެސޯސިއޭޝަންގެ މެމްބަރު ހޮޓެލްތަކުގައި ހިލޭ އެއް ރޭ ހުރުމުގެ އިންތިޒާމް ހަމަޖައްސައިދީފަ އެވެ.

ކަމާއިބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ފަރުބަދައިން 3،400 މީޓަރު މައްޗަށް ކަޅު ގޭހާއި އަޅި އަރަމުންދާ ކަމަށެވެ.

ފަރުބަދައިން އޮހޮރެމުންދާ ގާކޮޅުތަކުން ދުރުހެލިވުމަށް އޮފިޝަލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

އަގުންގް ފަރުބަދަ ގޮވާފާނެކަމުގެ ބިރު ހީވާންފެށީ އެންމެ ފުރަތަމަ ސެޕްޓެމްބަރު މަހުގަ އެވެ. މި ފަރުބަދަ ގޮވާފާނެ ކަމަށްޓަކައި ކަމާއިބެހޭ ފަރާތްތަކުން ވަނީ މީގެ އެތައް މަހެއް ކުރިން ތައްޔާރުވަން ފަށާފަ އެވެ.