Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

"މިސް ޔުނިވާސް 2017" ދެކުނު އެފްރިކާ އަށް

މިސް ޔުނިވާސް 2017 އަށް ދެކުނު އެފްރިކާގެ ޑެމީ-ލޭ ނެލް-ޕީޓާސް ހޮވިއްޖެ އެވެ.

އޭނާ މި އަހަރުގެ މިސް ޔުނިވާސް މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ދުނިޔޭގެ ތަފާތު އެކި ޤައުމްތަކުން ބައިވެރިވި 92 ކޮންޓެސްޓެންޓުންނާއި ވާދަކޮށްގެންނެވެ. މިސް ޔުނިވާސް 2017 ގެ ޝަރަފްވެރި ހަފްލާ ހުށަހަޅައި ދީފައި ވަނީ ސްޓީވް ހާވީ އާއި އޭޝްލީ ގްރެހަމް އެވެ.

ޑެމީ-ލޭ ނެލް-ޕީޓާސްގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅުވައި ދިނީ މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކުރި އައިރިސް މިޓެނިއަރީ އެވެ. މި އަހަރުގެ މުބާރާތުގެ ފުރަތަމަ ރަނާ-އަޕް އަކީ ކޮލޮމްބިއާގެ ލޯރާ ގޮންޒާލެޒް އެވެ. އަދި ދެވަނަ ރަނާ-އަޕް އަކަށް ހޮވިފައި ވަނީ ޖަމައިކާގެ ޑެވީނާ ބެނެޓް އެވެ.

އުމުރުން 22 އަހަރުގެ ނެލް-ޕީޓާސް ވަނީ ދާދިފަހުން ނޯތު-ވެސްޓް ޔުނިވާސިޓީ އިން ބިޒްނަސް މެނޭޖްމެންޓްގެ ދާއިރާއިން ޑިގްރީއެއް ހާސިލްކޮށްފަ އެވެ.

މުބާރާތުގެ ފައިނަލް ރައުންޑްގައި ނެލް-ޕީޓާސް އާއި ކުރެވުނު ސުވާލަކީ މަސައްކަތުގެ މައިދާނުގައި އަންހެނުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ކޮބައިކަމާމެދު އެވެ. އެ ސުވާލަށް ޖަވާބު ދެމުން އޭނާ ބުނީ ބައެއް ތަންތަނުގައި އަންހެނުންނަށް ލިބެނީ ފިރިހެނުންނަށް ލިބޭ މުސާރައިގެ 75% ކަމަށެވެ.

"ބައެއް ތަންތަނުގައި އަންހެނުންނަށް ލިބެނީ ހަމަ އެ ވަޒީފާ އަދާކުރާ ފިރިހެނުންގެ މުސާރައިގެ 75%. އަހަރެން ޤަބޫލުކުރާ ގޮތުގައި އެއީ ރަނގަޅު ގޮތެއް ނޫން. އަހަންނަށް ފެންނަ ގޮތުގައި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އަންހެނުންނަށް ހަމަހަމަ މަސައްކަތަށް ހަމަހަމަ މުސާރަ ލިބެންޖެހޭނެ"، ނެލް-ޕީޓާސް ބުންޏެވެ.