Last Updated: April 18, 22:36
Thursday, April 18, 2024
ރިޕޯޓް

ސުލްތާން ކޯސެން: ދުނިޔޭގެ އެންމެ ދިގު މީހާ

މިވަގުތު ދުނިޔޭގައި ހުރި އެންމެ ދިގު މީހާ އަކީ 10 ޑިސެމްބަރު 1982 ގައި އުފަންވި ސުލްތާން ކޯސެން އެވެ.

ފެބްރުއަރީ، 8، 2011 ގައި ގިނެސް ވޯލްޑް ރެކޯޑުން އޭނާގެ އިސްކޮޅުގައި 251 ސެންޓިމީޓަރު (8 ފޫޓު 2.8 އިންޗި) ހުންނަ ކަމުގައި ވަނީ ރެކޯޑް ކޮށްފައެވެ.

ތުރުކީގެ އަންކާރާ އަށް އުފަން ސުލްތާން ކޯސެން އަކީ ދަނޑުވެރިއެކެވެ. އޭނާ އަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި ގިނެސް ވޯލްޑް ރެކޯޑްސް އިން މިނި 8 ފޫޓަށްވުރެ ދިގު ފުރަތަމަ މީހާ އެވެ.

ސުލްތާން އެންމެ ފުރަތަމަ ދުނިޔޭގައި ދިރިހުރި އެންމެ ދިގު މީހާ އަށް ވެފައި ވަނީ 2009 ވަނަ އަހަރު އޭނާގެ އިސްކޮޅުގައި 246.5 ސެންޓިމީޓަރު (8 ފޫޓު 1 އިންޗި) ހުރި އިރެވެ.

އޭނާގެ ކުރިން ދުނިޔޭގައި ދިރިހުރި އެންމެ ދިގު މީހާގެ ރެކޯޑް އޮތީ ޗައިނާ އަށް އުފަން ސީ ޝޫ އެވެ. އެގޮތުން 2005 ވަނަ އަހަރު ރެކޯޑް ކުރެވުނު ގޮތުގައި ސީ ޝޫގެ އިސްކޮޅުގައި 2.361 މީޓަރު (7 ފޫޓު 8.95 އިންޗި) ހުއްޓެވެ.

މީގެ އިތުރުން ސުލްތާން އަށް ވަނީ ދުނިޔޭގެ އެންމެ ބޮޑު އަތުގެ ރެކޯޑް ވެސް ލިބިފައެވެ. ސުލްތާންގެ ކޮންމެ އަތެއްގައި 28.5 ސެންޓިމީޓަރު ހުރެއެވެ.

މީގެ ކުރިން އޭނާ އަށް ވަނީ ދުނިޔޭގެ އެންމެ ބޮޑު ފައިގެ ރެކޯޑް ވެސް ލިބިފައެވެ. އެއިރު އޭނާގެ ވާއަތު ފައިގައި 36.5 ސެންޓިމީޓަރު ހުރިއިރު، އޭނާގެ ކަނާތު ފައިގައި ހުރީ 35.5 ސެންޓިމީޓަރެވެ.

ސުލްތާން އާއި އެއްބަނޑު އެއްބަފާ އިތުރު ހަތަރު ކުދިން ތިބޭއިރު، އެކުދިންނާއި އޭނާގެ މައިންބަފައިންނަކީ 'އާދައިގެ' އިސްކޮޅެއް ހުންނަ މީހުންނެވެ.

ސުލްތާންގެ އިސްކޮޅުގެ ސަބަބުން އޭނާ އަށް ސްކޫލް ނުނިންމުނެވެ. އެހެންކަމުން އާއިލާއަށް އެހީތެރިވުމަށްޓަކައި އޭނާ އަކީ ޕާޓް ޓައިމްކޮށް ދަނޑުވެރިކަން ކުރާ މީހެކެވެ.

އޭނާ އުމުރުގެ އެހެން މީހުންނެކޭ އެއްފަދައިން ސުލްތާން ވެސް ލަވަ އަޑުއެހުމާއި ކޮމްޕިޓާ ގޭމްސް ކުޅުމަށާއި ފިލްމް ބެލުމަށް ލޯބިކުރެއެވެ.