Last Updated: June 28, 20:14
Sunday, June 28, 2026
މުނިފޫހިފިލުވުން

ޖޫހީ އާއި އަނިލް އަލުން ފިލްމެއް ކުޅެނީ

މަޝްހޫރު ބޮލީވުޑްގެ ބަތަލާ ޖޫހީ ޗާވްލާ އެންމެ ފަހުން ކުޅުނު ފިލްމަކީ ކަނަޑާ ފިލްމެއް ކަމުގައިވާ "ވެރީ ގުޑް 10/10" އެވެ. އެ ފިލްމްގައި ޖޫހީ އަދާކުރި ރޯލަށްޓަކައި ޖޫހީ އަށް ދަނީ ގިނަ ބައެއްގެ ތަޢުރީފް އަމާޒްވަމުންނެވެ.

މިހާރު ޖޫހީ ދަނީ ފިލްމްތަކުގެ ސްކްރިޕްޓްތައް ކިޔަމުން ކަމަށާއި ވަރަށް އަވަހަށް އަނީލް ކަޕޫރް އާއެކު ފިލްމަކުން ފެނިގެންދާނެ ކަމުގެ ޚަބަރުތައް ފެންމަތިވެއްޖެ އެވެ.

ޑެކަން ކްރޮނިކަލް އަށް ދިން އިންޓަވިއުއެއްގައި ކަނަޑާ ފިލްމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޖޫހީ ބުނީ އެއީ މައިންބަފައިން ދަރިން ތަރުބިއްޔަރު ކުރާ ގޮތާއި ބެހޭގޮތުން އުފެއްދި ވަރަށް ރީތި ފިލްމެއް ކަމަށާއި، އެ ފިލްމްގައި މަސައްކަތް ކުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

މީގެ އިތުރުން ވަރަށް އަވަހަށް ބޮލީވުޑްގެ ފިލްމަކުން ވެސް ފެނިގެންދާނެކަން ހާމަކޮށްދެމުން ޖޫހީ ބުނީ މިހާރު އޭނާ ދަނީ ވަރަށް މަޖާ ރޯލެއްގެ ސްކްރިޕްޓް ކިޔަމުން ކަމަށާއި، އެ ފިލްމްގައި އޭނާ ފެނިގެންދާނީ އަނީލް ކަޕޫރް އާއެކު ކަމަށެވެ. ޖޫހީ ބުނީ އެ ފިލްމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހާމަނުކުރެވޭނެ ކަމަށާއި، ފިލްމާއި ބެހޭ އިތުރު ތަފްސީލްތައް ފިލްމްގެ ޕްރޮޑިއުސަރުން ހާމަކުރާނެ ކަމަށެވެ.

މީގެ އިތުރުން ޖޫހީ ވަނީ އޭނާގެ ގާތް ރަހުމަތްތެރިޔާ އަދި ކުރީގެ ކޯ-ސްޓާ ކަމުގައިވާ ޝާހް ރުކް ޚާންގެ ކުރިއަށް އޮތް ޑްވާފް ފިލްމްގައި ކެމިއޯ އެއްގެ ޝޫޓިން ވެސް ކޮށްފައެވެ.