Last Updated: June 28, 20:14
Sunday, June 28, 2026
ދުނިޔެ

ޓެރަރިސްޓް ހަމަލާއެއް "ރޭވި" މީހަކު މެލްބަނުން ހައްޔަރު

ކުރިއަށް އޮތް އާ އަހަރުގެ މުނާސަބާތް ފާހަގަކުރުމުގެ ތެރެއިން އޮސްޓްރޭލިއާގެ މެލްބޯންގައި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވަމުން ދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން އޮސްޓްރޭލިއާގެ ފުލުހުން ހޯމަ ދުވަހު ހައްޔަރު ކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ. އޮސްޓްރޭލިއާގެ ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެނަމަ، އުމުރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރެވޭނެ އެވެ.

ކަމާއިބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ފިރިހެން މީހާ ރާވަމުން ދިޔައީ އާ އަހަރު ދުވަހުގެ ރޭ މެލްބޯންގެ ފެޑަރޭޝަން ސްކޮއާގައި އޮޓޮމެޓިކް ބަޑިއަކުން ހަމަލާދީ މީހުން މެރުމަށް ކަމަށެވެ.

ފުލުހުން ބުނާ ގޮތުގައި އާންމު ރައްޔިތުން ބިރުގަންނަން ޖެހޭފަދަ އިތުރު އެއްވެސް ބިރެއް ނެތް ކަމަށެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި ހައްޔަރު ކުރިއިރު އެ ފިރިހެން މީހާ އަށް އަދި އޮޓޮމެޓިކް ހަތިޔާރެއް ހޯދިފައި ނުވާ ކަމަށެވެ.

ވިކްޓޯރިއާ ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނަރ ޝޭން ޕެޓަން ބުނެފައިވާ ގޮތުގައި ހައްޔަރު ކުރެވުނު ފިރިހެން މީހާ އަކީ އޮސްޓްރޭލިއާގައި ސޯމާލިއާގެ ދެމަފިރިއަކަށް އުފަންވި ކުއްޖެއް ކަމަށާއި، މި އަހަރުގެ ޖެނުއަރީ އިން ފެށިގެން ފުލުހުން ދިޔައީ އޭނާ އަށް ފާރަލަމުން ކަމަށެވެ.

މީގެ އިތުރުން ފުލުހުން ތުހުމަތު ކުރާ ގޮތުގައި އޭނާ ވަނީ އިންޓަނެޓުން ޓެރަރިސްޓް ހަމަލާއެއް ދޭނެގޮތުގެ މައްޗަށް އަލް-ޤައިދާއިން ލިޔެފައިވާ ގައިޑެއް ހޯދާފައެވެ. އަދި އޭނާ އަކީ އިސްލާމިކް ސްޓޭޓް (އައިސިސް) އަށް ސަޕޯޓް ކުރާ މީހެއް ކަމުގައިވެސް ފުލުހުން ބުނެއެވެ.