Last Updated: June 28, 20:14
Sunday, June 28, 2026
މުނިފޫހިފިލުވުން

އަކްޝޭ ފުރަތަމަ ފިލްމް ކުޅުނީ 5،000 ރުޕީސް އަށް

ބޮލީވުޑްގެ ސުޕާސްޓާ އަކްޝޭ ކުމާރަކީ މިހާރު ފިލްމް އިންޑަސްޓްރީގައި އެންމެ ބޮޑު މުސާރައެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ފިލްމް "ސޯގަންދު" އިން 1991 ގައި ފިލްމީ ދާއިރާ އަށް ވަނުމަށް ފަހު އަކްޝޭ ވަނީ ގިނަ އަދަދެއް ފިލްމް ކުޅެފަ އެވެ. އަކްޝޭއަކީ މިހާރު ވެސް އޭނާ ފިލްމީ ދާއިރާ އަށް ތަޢާރަފްވި ދުވަސްތަކުގެ މާޒީ ހަނދާން ކުރާ މީހެކެވެ.

އެގޮތުން ދާދި ފަހުން އަކްޝޭ ވަނީ އޭނާގެ އެންމެ ފުރަތަމަ ފިލްމަށްޓަކައި އޭނާ އަށް ލިބުނު މުސާރަ ފޭނުންނާ ހިއްސާކޮށްފަ އެވެ.

އަކްޝޭ ބުނި ގޮތުގައި އޭނާ އަށް ފިލްމެއްގެ ކޮންޓްރެކްޓް ލިބުނީ މޮޑެލް ކުރުމަށްޓަކައި ބެންގަލޫރަށް ދާން އުޅެނިކޮށް ކަމަށެވެ. އެގޮތުން ޕްރަމޯދް ޗަކްރަބޯތީގެ ކުންފުނީގައި މަސައްކަތް ކުރި މޭކަޕް މޭންއަކު އޭނާ ކައިރީ އެކްޓަރަކަށް ވާން ބޭނުންތޯ އެހި ކަމަށް އަކްޝޭ ބުނެއެވެ.

އަކްޝޭގެ އޭނާގެ ޕޯޓްފޯލިއޯ އެމީހުންނަށް ދެއްކުމުން ހަމަ ވަގުތުން އޭނާ އަށް ތިން ފިލްމްގެ ކޮންޓްރެކްޓެއް ލިބުނު ކަމަށް އޭނާ ހާމަކުރެއެވެ. ކޮންޓްރެކްޓާ އެކު ތިން ފިލްމްގެ މުސާރައިގެ ޗެކުވެސް އޭނާ އަށް ލިބުނެވެ.

އަކްޝޭ ބުނާ ގޮތުގައި އޭގެ ތެރެއިން ފުރަތަމަ ފިލްމަށް ދިން ޗެކުގައި ލިޔެފައި އޮތީ އެންމެ 5،000 ރުޕީސް އެވެ. އަދި ދެވަނަ ފިލްމަށް ދިން ޗެކުގައި އޮތީ 50،000 ރުޕީސް ކަމުގައިވާއިރު، ތިންވަނަ ފިލްމްގެ މުސާރައަކަށް ޗެކުގައި ޖަހާފައި އޮތީ 1.5 ލައްކަ ރުޕީސް އެވެ.

އޭނާ އެވަގުތު ބެންގަލޫރަށް ދިޔަ ނަމަ އޭނާ ވާނީ މިހާރު ރިޓަޔާވެފައި ހުރި މޮޑަލަކަށް ކަމަށާއި ދިރިއުޅުމުގައި ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށް ކަމަށް އަކްޝޭ ބުންޏެވެ.