Last Updated: June 28, 20:14
Sunday, June 28, 2026
މުނިފޫހިފިލުވުން

"ޕެޑްމޭން" ގެ އާ ޕޯސްޓަރެއް ދައްކާލައިފި

އިންޑިއާގައި އާންމު ތަންތަނުގައި ކުޑަކަމުދިއުމާއި ބޮޑުކަމުދިއުމާއި ޚިލާފަށް "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" ކުޅުމަށްފަހު އަކްޝޭ ކުމާރް ދަނީ މިހާރު އޭނާގެ ކުރިއަށް އޮތް ފިލްމް "ޕެޑްމޭން" ނެރުމަށް ތައްޔާރުވަމުންނެވެ.

ހޯމަ ދުވަހު އަކްޝޭ ވަނީ "ޕެޑްމޭން" ގެ މުޅިން އާ ޕޯސްޓަރެއް އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. މިއީ މިހާތަނަށް ނެރުނު މި ފިލްމްގެ ދެވަނަ ޕޯސްޓަރެވެ.

އިއްޔެ ނެރުނު ޕޯސްޓަރުގައި އަކްޝޭ ފެނިގެންދަނީ ގިނަ އަދަދެއްގެ ކަފަ މަތީގައި 'ސުޕަމޭންގެ ޕޯސް' ގައި ހުއްޓައެވެ. "ޕެޑްމޭން" އަކީ އަންހެންވެރިންނަށް ހެޔޮ އަގުގައި ޕެޑް ފޯރުކޮށްދިނުމާއި ބެހޭގޮތުން އުފައްދާ ފިލްމަކަށްވާއިރު، ކަފަ އަކީ ޕެޑް އުފެއްދުމުގައި ބޭނުންކުރާ އެންމެ މުހިންމު އެކައްޗެވެ.

މި ފިލްމައި އަކްޝޭ އާއެކު ފެނިގެންދާނެ ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް ވެސް ވަނީ އެ ޕޯސްޓަރު ޓްވިޓާ މެދުވެރިކޮށް ޝެއާ ކޮށްފައެވެ.

އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ކަމުގައިވާ 26 ޖެނުއަރީ 2018 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ގޯރީ ޝިންޑޭ އާއިއެކު ޓްވިންކަލް ކައްނާ ޕްރޮޑަކްޝަން އިން އުފައްދާ ފިލްމެކެވެ. މި ފިލްމް ބިނާކޮށްފައި ވަނީ ހެޔޮ އަގުގައި އަންހެން ވެރިންނަށް ޕެޑް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ޕެޑް ހަދާ މެޝިނެއް އުފެއްދި އަރޫނާޗަލަމް މުރުގަނަންތަމްގެ މައްޗަށެވެ.