"އައި ރަނާސް" ގެ ފަރާތުން އައްޑޫގައި 5 ކިލޯމީޓަރުގެ ދުވުމެއް ބާއްވަން ނިންމައިފި އެވެ.
އައިރަނާސްގެ ފައުންޑަ ހުސައިން ޝުޖާއު ވިދާޅުވީ، މި ދުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އަދި ވަރަށް އަވަހަށް ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށެވެ.
ޝުޖާއު ބުނި ގޮތުގައި އައިރަނާސްގެ "އައްޑޫ5ކޭ" ގައި ދެ އިވެންޓެއް ކުރިއަށް ދާނެ އެެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނަށް ޚާއްސަ 2 ކިލޯމީޓަރުގެ ދުވުމަކާއި ބޮޑެތި މީހުންނަށް ޚާއްސަ 5 ކިލޯމީޓަރުގެ ދުވުމެވެ.

"ކުޑަކުދިންނަށް އަދި ބޮޑެތި މީހުންނަށް ވަކިން 2 އިވެންޓެއް އޮންނާނެ. މި އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް އަޅުގަނޑުމެން ހަދިޔާކުރާނީ އައްޑޫގެ އެންޖީއޯ އަކަށް. މިއީ ޗެރިޓީ އިވެންޓެއް،" ޝުޖާއު ވިދާޅުވި އެވެ.
އައި ރަނާސް" އިން ވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ވެސް "އައްޑޫ މެރަތަން" ގެ ނަމުގައި ކާމިޔާބު މެރަތަންއެއް ބާއްވާފައެވެ.