Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

ފަނާކޮށްލާ ވިޔަފާރިތައް ރުޖޫއަ ކުރާނަން: އެމްޑީޕީ

މިސަރުކާރުން ވިޔަފާރިވެރިންނަށް ކުރާ އަނިޔާތަކުގައި އެއްބަސްވުމާއި ޚިލާފަށް އަތުލައި، ކުރާ ބޮޑެތި ޖޫރިމަނާތައް ދެން އަންނަ ސަރުކާރަކުން ރުޖޫއަކޮށްދޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޤާނޫނީ ގޮތުން ވެފައިވާ އެއްބަސްވުންތަކާއި ޚިލާފަށް ސަރުކާރުން އަމިއްލަ ވިޔަފާރިވެރިންގެ އަތުން ވިޔަފާރިތަކާއި ރަށްތައް އަތުލައި، މީރާ މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ބަނގުރޫޓު ކޮށްފައިވާ ވިޔަފާރިތައް މިސަރުކާރު ނިމި، ދެން އަންނަ ސަރުކާރަކުން ރުޖޫއަކޮށްދޭނެ ކަމަށެވެ.

އެގޮތުން ޖުމުހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ވިޔަފާރިތައް ބަނގުރޫޓު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ހައްގު ނޫން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ދޫކޮށްފައިވާ ރަށްތައް އެއްބަސްވުމާއި ޚިލާފަށް އަތުލައި، ކުރަމުންދާ ފުރައްސާރައާއި ގޯނާ އެމްޑީޕީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އަދި ރައީސް ޔާމީންގެ ވެރިކަން ނިމުމުން އަމިއްލަ ވިޔަފާރިތަކަށް ކުރަމުންދާ ފުރައްސާރައާއި އަނިޔާވެސް ނިމިގެން އަންނާނެ ކަމަށާއި އެގޮތަށް ފަނާކޮށްލާ ވިޔަފާރިތައް ރުޖޫއަ ކުރެވޭނެ ކަމުގެ ޔަގީންކަން އެމްޑީޕީން ވަނީ އަރުވާފައެވެ.

އަންނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ހަމަވާއިރު އިދިކޮޅު އެމްޑީޕީން ރިޔާސީ އިންތިޚާބަށް ނެރެނީ އިންތިގާލީ އެއް ކެންޑިޑޭޓެވެ. ދައުރުގެ މެދުތެރެއިން އާ އިންތިޚާބެއް ބޭއްވުމަށް ނިންމާފައިވާއިރު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން ގެންދަނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މިހާރުވެސް ބައިބައިވުން އުފެދިފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.