Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

"ދުއާ ކުރުމުން ދައުވާކުރާ ސަރުކާރެއް ލާދީނީ ނުވާނެ ގޮތެއް ނުވިސްނޭ"

ދުއާކުރުމާއި ދެކޮޅަށް ދައުވާކުރާ ސަރުކާރެއް ލާދީނީ ނުވާނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ، ހިތަދޫގައި ހުކުރު ނަމާދަށް ފަހު ދުއާކުރަން ހުއްޓައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އަހުމަދު ފަރްހާން (ފަރާ) ގެ މައްޗަށް ހުކުމް އިއްވުމުގެ އަޑުއެހުން މިއަދަށް ތާވަލް ކޮށްފައި ވަނިކޮށެވެ.

"ދުއާ ކުރުމާއި ދެކޮޅަށް ދައުވާ ކުރާ ސަރުކާރެއް ލާދީނީ ނުވާނެ އެއްވެސް ގޮތެއް ނުވިސްނޭ މާތް ރަސްކަލާނގެ އާއި އިންސާނަކާ ދެމެދަށް އެހެން އިންސާނަކަށް ވަދެވޭނެބާ؟"

ރޮޒޭ ވަނީ މާތް ރަސްކަލާނގެ އާއި އިންސާނަކާއި ދެމެދަށް އެހެން އިންސާނަކަށް ވަދެވޭނެތޯ ސުވާލު އުފައްދައި އެކަމާއި މެދު އިލްމުވެރިން އެއްޗެއް ވިދާޅުވުމަށް އެދިވަޑައިގެންފައެވެ.

ހުކުރު ނަމާދަށް ފަހު އަނިޔާވެެރިކަމާ ދެކޮޅަށް ދުއާކޮށްގެން ހައްޔަރު ކުރި އަހުމަދު ފަރްހާން (ފަރާ) ގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.