މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަންނަން މަސައްކަތް ކުރި މަޖިލީހުގެ 12 މެމްބަރަކާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.
ދައުލަތުން އިދިކޮޅު 12 މެމްބަރުންނާ ދެކޮޅަށް އުފުލާފައިވަނީ ލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު މިދައުވާގެ ފުރަތަމަ އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފައިވެއެވެ.
ޖުލައި 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުން މަޖިލީހަށް ގޮސްފައިވަނީ އެދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތާވަލުކޮށްފައި ވާތީއެވެ.
މަޖިލީހުގެ ޖަލްސާއަށް މެމްބަރުން ހާޒިރުވުމުން މަޖިލިސް ވަށާލައި ތިބި ސިފައިން ވަނީ އެދުވަހު އެއްވެސް މެމްބަރަކަށް މަޖިލީހަށް ނުވަދެވޭނެ ކަމަށް އަންގާފައެވެ. އަދި އެދުވަހު މަޖިލީހަށް ވަދެވޭނީ ހަމައެކަނި މަޖިލީހުގެ މުވައްޒިފުންނަށް ކަމަށް އަންގައި މެމްބަރުން އަނބުރާ ވަޑައިގަތުމަށް އެންގިއެވެ.
ނަމަވެސް މެމްބަރުން ވަނީ މަޖިލީހުގެ ޖަލްސާ ބާއްވަން ފުރުސަތު ދެއްވުމަށާއި މަޖިލީހަށް ވަނުމަށް ފުރުސަތު ދިނުމަށް ސިފައިންގެ ކައިރިން އެދިފައެވެ.
ދެފަރާތުގެ ދެމެދުގައި ކުރިމަތިލުން ހިނގައި، ސިފައިން ވަނީ ފުލުހުންގެ ކިބައިން އެސަރަހައްދު ކޮންޓްރޯލް ކުރުމަށް އެހީއަށް އެދިފައެވެ. ދެން ފެނިގެން ދިޔައީ މެމްބަރުންނާއި ފުލުހުންނާއި ކުރިމަތިލުން ހިނގައިގެން ދިޔަ ތަނެވެ. ބައެއް މެމްބަރުންނަށް އަނިޔާވެ ހޮސްޕިޓަލަށްވެސް ގެންދަން ޖެހުނު ނަމަވެސް ފުލުހުންނާއި ސިފައިން ވަނީ މަޖިލީހަށް ނުވަދެވޭނެ ކަމަށް އަންގައި ސަފުތައް ވަރުގަދަ ކޮށްފައެވެ.
ނަމަވެސް ބައެއް މެމްބަރުން ވަނީ ސަފުތައް ފޫއަޅުވާލުމަށްފަހު މަޖިލިސް ތެރެއަށް ފާރުމަތިން އަރައި، ވަދެގެންފައެވެ. ފަހުން މަޖިލިސް ތެރޭގައި ތިއްބާ ފުލުހުން ވަނީ އަނެއްކާވެސް ގަދަ ބާރުން މެމްބަރުން މަޖިލީހުން ނެރެފައެވެ.
އަދި ފުލުހުން ވަނީ އެމައްސަލަ ބަލައި ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީހަށް މައްސަލަ ހުށައަޅާފައެވެ. ޕީޖީން މައްސަލަ ބެލުމަށްފަހު މެމްބަރުން ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމަށް ނިންމައި ދައުވާ ކުރުމަށް ކޯޓަށް މައްސަލަ ފޮނުވިއެވެ.
ނަމަވެސް މެމްބަރުން ވަނީ މެމްބަރުންގެ ހައްގަށް ފުލުހުންނާއި ސިފައިން އަރައިގެންފައިވާ ކަމަށް ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ފުލުހންނަށް ހަރަކާތްތެރިވެވޭނެ ތަނެއް ނޫން ކަމަށް ބުނެ މެމްބަރުން ވަނީ ފުލުހުން އެދުވަހު އަމަލު ކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށް ބުނެ ދައުވާއަށް އިންކާރު ކޮށްފައެވެ.