އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް، ރޮމެލޫ ލުކާކޫ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބްރައިޓަންއާ ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗުގައި ކުޅުންތެރިޔަކަށް ހަމަލާދިން މައްސަލަ ނުބެލުމަށް އިނގިރޭސި އެފްއޭ އިން ނިންމައިފިއެވެ.
ޔުނައިޓެޑު 0-1 އިން މޮޅުވި މެޗުގައި ލުކާކޫ ވަނީ ދެފަހަރެއްގެ މަތިން ބްރައިޓަންގެ ޑިފެންޑަރު ގައެޓަން ބޮންގްއަށް ހަމަލާދީފައެވެ. ނަމަވެސް ރެފްރީއަށް އެތަން ނުފެނުމުން ދެފަހަރުވެސް ލުކާކޫ ވަނީ ސަލާމަތްވެފައެވެ.
މެޗު ނިމުމަށްފަހު ލުކާކޫ ބޮންގްއަށް ހަމަލާދޭ މަންޒަރު ނޫސް މަޖައްލާތަކުގައި އާންމުވުމާއެކު އިނގިރޭސި އެފްއޭގެ ސަމާލުކަމަށް އެމައްސަލަ ވަނީ އައިސްފައެވެ.
އެފްއޭއިން މައްސަލަ ބެލުމަށް ކުރީގެ ޕްރިމިއާ ލީގު ތިން ރެފްރީންނަށް ލުކާކުގެ ވީޑިއޯ ދެއްކިއެވެ. ނަމަވެސް ތިން ރެފްރީންވެސް ވަނީ އެއީ އޭނާއަށް ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނޫން ކަމަށް ނިންމާފައެވެ. ނަތީޖާއެއްގެ ގޮތުން އެފްއޭއަށް ވަނީ ލުކާކޫއަށް ފިޔަވަޅެއް އެޅުމެއް ނެތި މައްސަލަ ނިންމާލަން މަޖުބޫރުވެފައެވެ.
މިމައްސަލަ ލުކާކޫއާ ދެކޮޅަށް ނިމުނުނަމަ އޭނާއަށް ޑޮމެސްޓިކް ތިން މެޗު ގެއްލޭނެއެވެ. އެއީ ވަޓްފޮޑް، އާސެނަލް އަދި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޔުނައިޓެޑު ލީގުގައި ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗެވެ.
މިސީޒަނުގެ 75 މިލިއަން ޕައުންޑު ދިނުމަށްފަހު އެވަޓަން އިން ޔުނައިޓެޑަށް ގެނައި ލުކާކޫގެ ފަރާތުން ސީޒަނުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މިހާރު އޭނާގެ ފޯމު ވަނީ ދަށްވެފައެވެ. އެންމެ ފަހަކަށް ޔުނައިޓެޑަށް ކުޅުނު 10 މެޗުގައި ލުކާކޫއަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ.
ނަމަވެސް ޔުނައިޓެޑުގެ ކޯޗު ޖޯސޭ މޮރީނިއޯ ވަނީ ލުކާކޫގެ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ބުނެ ތައުރީފު ކޮށްފައެވެ. މޮރީނިއޯ ބުނެފައިވަނީ ގޯލަކީ ހުރިހާ އެއްޗެއް ނޫން ކަމަށާއި ލުކާކޫގެ ފަރާތުން ގޯލެއް ނުފެނުނަސް، ބްރައިޓަން މެޗުގައި އޭނާ ފަހަތަށް ފައިބައިގެން ޔުނައިޓެޑު ޑިފެންސަށް އެހީތެރިކަން ފޯރުކޮށް ދިން ކަމަށެވެ. އެއީ ކުޅުންތެރިންގެ ކިބައިން ފެންނަ އޭނާ ވަރަށް ގަޔާވާ ސިފައެއް ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.