Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

މައުމޫން އެނބުރި ރާއްޖެ ވަޑައިގަންނަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ސިންގަޕޫރަށް ކުރެއްވި ކުރު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

އަމިއްލަ ދަތުރުފުޅެއްގައި މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގައެވެ. މައުމޫން ވިދާޅުވެފައިވަނީ ސިންގަޕޫރަށް ވަޑައިގެންނެވީ އަނބިކަނބަލުންނާއެކު އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ.

ވެރިކަމުން ފައިބައިވަޑައިގެންނެވި ފަހުން މައުމޫން ވަރަށް ގިނައިން ސިންގަޕޫރަށް ވަޑައިގަންނަވައެވެ. ދާދި ފަހުންވެސް ރާއްޖެ ވަޑައިގެންނެވީ ދުވަސްކޮޅަކު ސިންގަޕޫރުގައި ހުންނެވުމަށްފަހުގައެވެ.

އަމިއްލަ ކޮއްކޯފުޅު ޔާމީން އަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގެންނެވުމަށް ބުރަ މަސައްކަތް ކުރެއްވުމަށްފަހު މައުމޫން ވަނީ ސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަނުޖެހި އިސްލާހު ކުރުމަށް މަސައްކަތް ނުކުރާކަމަށްބުނެ ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންގޮސްފައެވެ.

އަދި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ރައީސް ޔާމީނާ ދެކޮޅަށް މައުމޫން ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނާއެކު މަސައްކަތް ފައްޓަވާފައެވެ.