Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

ގާސިމް ސިންގަޕޫރުން ޖަރުމަނަށް ވަޑައިގެންފި

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިނުގަނެ ޖަރުމަނު ވިލާތަށް ވަޑައިގެންފިއެވެ.

ގާސިމް ޖަރުމަނަށް ގޮސްފައިވަނީ ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ގާސިމްގެ ވަކީލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖަރުމަނު ސަރުކާރުން ގާސިމަށް އިންސާނިއްޔަތަށްޓަކައި ބޭސްފަރުވާ ކުރުމަށް އެގައުމަށް ވަޑައިގަތުމުގެ ޚާއްސަ ހުއްދައެއް އަރުވާފައިވާ ކަމަށެވެ.

ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ގާސިމްގެ ބޭސްފަރުވާއަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސް އިން ދީފައިވާ ވަގުތީ ޓްރެވެލް ޑޮކިއުމެންޓުތައް ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހަށް ހަމަވެފައެވެ. އަދި އެ ޑޮކިއުމެންޓު އާކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.

ގާސިމްގެ ވަކީލުން ބުނެފައިވަނީ ޓްރެވެލް ޑޮކިއުމެންޓުތަކުގެ މުއްދަތު ހަމަވުމުން ސިންގަޕޫރުގައި ގާސިމް ހުންނެވީވެސް ވަރަށް ދަތި ހާލުގައި ކަމަށެވެ.

ރިޝްވަތުގެ ދައުވާ ގާސިމްގެ މައްޗަށް ދައުލަތުން އުފުލުމުން ޝަރީއަތުގެ އަޑުއެހުމުގައި ކޯޓު ތެރޭގައި ހުއްޓާ ގާސިމް ވަނީ އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓިފައެވެ. އެމައްސަލާގައި ގާސިމަށް ހުކުމް ކޮށްފައިވަނީ އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. ނަމަވެސް ގާސިމްގެ ބަލި ހާލަތަށް ރިއާޔަތްކޮށް ކޯޓުން ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގާސިމްގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާދިނުމަށް އަމުރުކޮށްފައެވެ.

އެއަމުރުގެ ދަށުން ސިންގަޕޫރަށް ވަޑައިގެން ގާސިމްގެ ބޭސްފަރުވާގެ ކަންތައް ކުރިއަށް ގެންގޮސްފައިވަނީ ސިންގަޕޫރުންނެވެ. ނަމަވެސް ހުކުމް ތަންފީޒުކުރުމަށް ރާއްޖެ އައުމަށް ކަރެކްޝަންސް އިން އެންގުމުން ގާސިމް އެއާޕޯޓަށް ފުރަން ވަޑައިގަތުމުން އެއާލައިނުން ވަނީ ޑޮކްޓަރުންގެ އިރުޝާދާ ދެކޮޅަށް ފުރާތީ އެއާލައިނުން ނުފުރޭނެކަން އަންގައި ގާސިމް ބޯޓުން ބާލުވާފައެވެ.