އެލެކްސް އިންވެސްޓްމެންޓް ޒެފިއާ ފުޓްސަލް ކަޕް 2017ގެ މިއަދުގެ ދެވަނަ މެޗު މަލްޓި ޖީނިއަސްއާއި ބައްދަލުކޮށް ފަސޭހަކަމާއެކު 1-5 އިން އެފްސީ ބޭރުމަތި މެޗު ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ބޭރުމަތި ޓީމުންނެވެ. ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ބޭރުމަތި ޓީމަށް ލީޑު ނަގާދީފައިވަނީ އިބްރާހިމް އަސްވަދު(ގަބޭ) އެވެ. ގަބޭ ބޭރުމަތި ޓީމަށް ލީޑު ނަގާދީފައިވަނިކޮށް މަލްޓި ޖީނިއަސްގެ އިބްރާހިމް މުހައްމަދު(އިއްބެ) ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.
ބޭރުމަތި ޓީމަށް މެޗުގެ ދެވަނަ ފަހަރަށް ލީޑު ނަގާދީފައި ވަނީ ޓީމުގެ ކެޕްޓަން، އަހުމަދު ނާޝިދު(ނައްޓޭ) އެވެ. 1-2 ގެ ލީޑަކާއެކު ބޭރުމަތި ޓީމުން ފުރަތަމަ ހާފު ނިންމާލާފައިވާއިރު ބޭރުމަތިން ވަނީ ދެވަނަ ހާފުގައި ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ފަހު ހާފުގައި ބޭރުމަތި ޓީމުން ވަނީ މަލްޓި ޓީމުގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދާފައެވެ. މިހާފުގައި ބޭރުމަތި ޓީމުގެ ޖާޒީ ނަމްބަރު 9، އަލީ ހާފިޒް(އައްޔަ) ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ހުނަރުވެރި ކުޅުމަކަށްފަހު އައްޔަ ބޭރުމަތި ޓީމުގެ ފަހު ހާފުގެ ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
އަދި އަހުމަދު ޝާފިއު(ޝާޓީ) ޖެހި ގޯލަކީ އައްޔަ ދިން ބޯޅައަކުން ޖެހި ގޯލެއް ކަން ފާހަގަކޮށްލެވެއެވެ. އައްޔަގެ ފަރާތުން މެޗުގައި ފެނިގެން ދިޔަ މޮޅު ކުޅުމުގެ ސަބަބުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވިފައިވަނީ އޭނާއެވެ.