ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް އެ ޕާޓީން އިލެކްޝަން ކޮމިޝަނަށް އެންގުމާ އެކު ދެ މެމްބަރުންގެ ގޮނޑި ވެސް "ގެއްލިއްޖެ" އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވީ އެ ދެ މެމްބަރުންގެ ސުލޫކީ މައްސަލައެއް ބެލުމަށް ފަހު އެ ދެ މެމްބަރުން އެ ޕާޓީން ވަކިކޮށް ދިނުމަށް މިއަދު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
މުހައްމާކަލޯ އާއި ޝަހުދީއަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގަތް ދެ މެމްބަރުންނެވެ.
އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރު އަހުމަދު އިކްރާމް ވިދާޅުވީ އެ ދެ މެމްބަރުންނާ ގުޅޭ ގޮތުން އެ ކޮމިޝަނުން އަދި ވަކިގޮތެއް ކަނޑަނާޅާ ކަމަށެވެ.

ޕީޕީއެމުން ވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައިފަ އެވެ.