Last Updated: June 28, 20:14
Sunday, June 28, 2026
މުނިފޫހިފިލުވުން

މާވެލްގެ އިތުރު 20 ފިލްމެއް އުފައްދާނަން: ކެވިން

އަންނަ އަހަރު ވެގެންދާނީ މާވެލް އަށް ވަރަށް ޚާއްސަ އަހަރަކަށެވެ. އެގޮތުން އަންނަ އަހަރު މާވެލްގެ "ބްލެކް ޕެންތާ" އާއި "އެވެންޖާސް: އިންފިނިޓީ ވޯ" ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މާވެލް އިން ނެރުނު އެންމެ ފުރަތަމަ ފިލްމް ކަމުގައިވާ "އަޔަން މޭން" ގެ 10 ވަނަ އެނިވާސަރީ ވެސް ފާހަގަކުރާނީ އަންނަ އަހަރު އެވެ. "އަޔަން މޭން" ގެ ފުރަތަމަ ފިލްމް ރިލީޒް ކުރީ 1 މެއި 2008 ގައެވެ. އެ ފިލްމާއެކު މާވެލް ވަނީ ފިލްމީ ދާއިރާއަށް ތަޢާރަފްވެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

މާވެލް ސްޓޫޑިއޯސްގެ ވެރިޔާ ކެވިން ފައިގީ ބުނާގޮތުގައި މިހާރު ފެނިގެންދަނީ އެ ސްޓޫޑިއޯގެ ކާމިޔާބީގެ ފެށުމެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުން ފައިގީ ވަނީ މާވެލް ސިނެމެޓިކް ޔުނިވާސްގެ އިތުރު 20 ފިލްމެއް އުފައްދާނެ ކަމަށް ބުނެފަ އެވެ.

ފައިގީ ބުނެފައިވާ ގޮތުގައި މިހާތަނަށް މާވެލް އިން 22 ފިލްމް އުފައްދާފައިވާއިރު، އިތުރު 20 ފިލްމެއް މުސްތަޤްބަލުގައި ރިލީޒް ކުރެވޭނެ އެވެ. މީގެ އިތުރުން ފައިގީ ބުނީ އެ 20 ފިލްމް ވެގެންދާނީ މިހާތަނަށް ނެރެފައިވާ ފިލްމްތަކާއި މުޅިން ތަފާތު ފިލްމްތަކަކަށް ކަމަށެވެ.

"އެވެންޖާސް" ގެ އެންމެ ފަހު ފިލްމާއެކު އަޔަން މޭން އާއި ކެޕްޓަން އެމެރިކާ އާއި ތޯރް އާއި ބްލެކް ވިޑޯގެ އިތުރުން ހަލްކް އާއި ހޯކްއައިގެ ކެރެކްޓާތައް ކުޅޭ ތަރިންގެ ކޮންޓްރެކްޓްތައް ވެސް ހަމަވާނެ އެވެ.

އެހެންނަމަވެސް މާވެލްގެ ފަހުގެ ތަރިންނާއިއެކު ފިލްމް ފްރެންޗައިޒް ކުރިއަށް ދާނެކަން ވަނީ އެނގިފައެވެ.

މާވެލްގެ "ކެޕްޓަން މާވެލް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 8 މާޗު 2019 ގައެވެ.