Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

ވަޓްފޯޑް ކޮޅަށް ޔުނައިޓެޑުން 4 ލަނޑު ޖަހައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެން ޔުނައިޓެޑާއި ވަޓްފޯޑް ބައްދަލުކުރި މެޗު 2-4 އިން ޔުނައިޓެޑު މެޗު ކާމިޔާބުކޮށްފިއެވެ.

ވަޓްފޮޑްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ތިން ލަނޑު ޖަހާފައިވަނީ ޔުނައިޓެޑުންނެވެ. މޮރީނިއޯގެ ޓީމުގެ ފަރާތުން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޔުނައިޓެޑުން ވަނީ ފުރަތަމަ 30 މިނެޓު ތެރޭ ތިން ލަނޑު ޖަހާފައެވެ.

އޭޝްލީ ޔަންގުގެ ދެގޯލު މެޗުގައި ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ދެލަނޑު ޖެހީ އޭނާއެވެ. 32 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ތިންވަނަ ލަނޑު ޖަހާފައިވަނީ މާޝިއަލްއެވެ.

ފުރަތަމަ ހާފު ޔުނައިޓެޑުން 0-3 ގެ ލީޑެއްގައި އޮވެ ނިންމާލާފައިވާއިރު ދެވަނަ ހާފުގައި ވަޓްފޮޑްއިން ވަނީ ދެގޯލު ޖަހާފައެވެ. 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޓްރޮއި ޑީނީ ފުރަތަމަ ލަނޑު ޖަހާފައިވާއިރު 84 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖެހީ ޑުކޯރޭއެވެ.

ޔުނައިޓެޑުގެ ފަހު ލަނޑު މެޗު ނިމެން ކައިރިވެފައިވަނިކޮށް ޖަހާފައިވަނީ ޖެސީ ލިންގާޑެވެ. މޮރީނިއޯ ވަނީ އޭނާގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް މެޗު ނިމިގެން ތައުރީފު ކޮށްފައެވެ.