Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

އައިޑީ ކާޑުގެ ގޮތުގައި ޕާސްޕޯޓް ކާޑް ވެސް ބަލައިގަނެވޭނެ

އަލަށް ތައާރަފްކޮށްފައިވާ ޕާސްޕޯޓު ކާޑަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއްގެ ގޮތުގައިވެސް ބަލައިގަތުމަށް ރައީސުލްޖުމުހޫރިއްޔާ މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވަނީ އައިޑީ ކާޑުގެ ގޮތުގައި މީގެ ފަހުން ސަރުކާރުގެ މުއައްސަސާތަކާއި ހޮސްޕިޓަލް އަދި ބޭންކުންވެސް ޕާސްޕޯޓު ކާޑު ބަލައިގަންނާނެ ކަމަށް އިއުލާންކޮށްފައެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި މިވަގުތު ޕާސްޕޯޓަށް ފަހަށް އެންމެ ރައްކާތެރިކަން ބޮޑު ކާކުކަން އަންގައިދޭ ލިޔުމަކީ މި ޕާސްޕޯޓު ކާޑު ކަމަށެވެ. އެހެންކަމުން އިމިގްރޭޝަން މެދުވެރިކޮށް ހުރިހާ ބޭފުޅުންވެސް ޕާސްޕޯޓު ކާޑު ހެދުމަށް ލަފާ އަރުވާފައިވެއެވެ.

ޕާސްޕޯޓު ކާޑަކީ ބޭންކު އޭޓީއެމްތަކުން ފައިސާ ނެގޭ، ޑްރައިވިން ލައިސަންސްގެ ގޮތުގައި ބަލައިގަނެވޭނެ ކާޑެއްވެސްމެއެވެ. އަދި އިންޝޫރެންސް ކާޑުގެ ގޮތުގައި މި ޕާސްޕޯޓު ކާޑު ބޭނުންކުރެވޭނެއެވެ.