Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

މަޖިލިސް ދެ މަސް ދުވަހުގެ ޗުއްޓީއަކަށް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ - މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދަންފަޅީގެ ޖަލްސާތައް ނިމި، ދެމަސް ދުވަހުގެ ބޮޑު ޗުއްޓީ ފެށިއްޖެއެވެ.

މަޖިލީހުގައި ހިނގައި ސިލްސިލާ އަލިފާނުގެ ހާދިސާތަކުގެ ސަބަބުން މިދަންފަޅީގެ ގިނަ ދުވަސްތަކެއް ޗުއްޓީގެ ގޮތުގައި މެމްބަރުން ހޭދަކޮށްފައިވާއިރު އަންނަ އަހަރަށް ލަފާކުރާ ބެޖެޓު އިދިކޮޅު މެމްބަރުންގެ ޣައިރު ހާޒިރުގައި ވަނީ ފާސްކޮށްފައެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ނެގުމަށް ތާވަލުކުރި މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނަގާ، ގާނޫނާއި ޚިލާފަށް މަޖިލީހުން ވޯޓު "އޮއްބާލާފައި" ވާއިރު ވޯޓު ބާއްވަން ތާވަލުކުރި ދުވަހު މަޖިލިސް ބޭރުގައި އަދި އެތެރޭގައި މެމްބަރުންނާ ސަލާމަތީ ބާރުތަކާ ހިނގި ހަމަނުޖެހުމުގައި 12 މެމްބަރަކާ ދެކޮޅަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.

އަދި އެތައް މެމްބަރުންނެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް، އެއްވެސް އަސާސެއް ނެތި އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާއިރު މެމްބަރުންގެ ފަހު އަހަރަށް ކުރިމަތިލާއިރު މަޖިލިސް އޮތީ ހަމައިން ނެއްޓި ވާވަދެފައެވެ.

މެމްބަރުންގެ އިތުބާރު ރައީސަށާއި ނައިބު ރައީސަށް ގެއްލި، މަޖިލިސް ތެރެއިން ފެންނަމުން ދަނީ ޑިމޮކްރަޓިކް އަސާސްތަކާއި ޚިލާފަށް ގަދަ ބާރުން ވަކި ބަޔެއްގެ ވަކިތަކުގެ ތެރެއަށް މަޖިލިސް ލާފައިވާތަނެވެ.