Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

ވެސްޓް ބްރޮމްގެ ކޯޗަކަށް ޕާޑިއު

ވެސްޓް ބްރޮމިޗް އަލްބިއަންގެ ކޯޗުކަމުން ޓޯނީ ޕިއުލިސް ވަކިކުރުމަށްފަހު އެމަގާމަށް ކްރިސްޓަލް ޕެލެސްގެ ކުރީގެ ކޯޗު އެލެން ޕާޑިއު ހަމަޖައްސައިފިއެވެ.

ޕާޑިއު ކުލަބަކާއި ހަވާލުވެފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ޕެލެސްގެ ކޯޗުކަމުން ވަކިކުރުމަށްފަހު ފުރަތަމަ ފަހަރަށެވެ. އޭގެ ކުރިން ނިއުކާސަލް ޔުނައިޓެޑަށްވެސް ކޯޗުކަން ކޮށްދީފައިވާ ޕާޑިއު ބުނެފައިވަނީ އޭނާ ހުރީ ތައްޔާރުވާން ޖެހޭ ވަރަށް ތައްޔާރުވެފައި ކަމަށެވެ.

ޕާޑިއު ވެސްޓް ބްރޮމްގެ ކޯޗުކަމާއި ހަވާލުވުމަށްފަހު ކުޅޭނެ ފުރަތަމަ މެޗަކީ އޭނާގެ ކުރީގެ ޓީމު ޕެލެސްއާ ދެކޮޅަށް ވެސްޓް ބްރޮމް އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗެވެ. އޭގެ ފަހުން ލިވަޕޫލްއާއި ސްވެންސީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުމަށްފަހު ވެސްޓް ބްރޮމް އަމިއްލަ ދަނޑުގައި ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ.

ޓޯނީ ޕިއުލިސް މަގާމުން ވަކިކުރުމަށްފަހު ކޯޗު ކަމާއި ހަވާލުކުރި ޕިއުލިސްގެ އެސިސްޓެންޓު ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. ޕާޑިއުއަކީ ކުލަބުގެ ދާއިމީ މެނޭޖަރުކަމާއި 2011 ވަނަ އަހަރުން ފެށިގެން ހަވާލުވި ހަވަނަ ކޯޗެވެ.